ޚަބަރު

ކޮވިޑް 19އާ ދެކޮޅަށް ހަނގުރާމަކުރާއިރު ސަގާފީ ތަރިކައިގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިހުސާސްކުރެވޭ: ޔުމްނާ

އަލީ ޔާމިން

ކޮވިޑް 19އާ ދެކޮޅަށް ދުނިޔޭގެ ހުރިހާ ގައުމަކުން ހަނގުރާމަކުރަމުން އަންނަ އިރު، ސަގާފީ ތަރިކައިގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިހުސާސްކުރެވޭ ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހިފެހެއްޓުމަށްޓަކައި ސަގާފީ ތަރިކަ ރައްކާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަފާގީ ތަރިކައަކީ ދިވެހިން އެއްބައިވަންތަކުރުވާ އެއްޗެއް ކަމަށާއި އެހެންކަމުން ކޮވިޑް 19އާ މުޅި ދުނިޔެ ހަނގުރާމަކުރާ މި ބިރުވެރި ދުވަސްވަރު ސަގާފީ ތަރިކައިގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިހުސާސް ކުރެވޭ ކަމަށެވެ.

"އުނދަގޫ ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިހުސާސްކުރެވެއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިހުސާސްކުރެވެއެވެ. ކާބަފައިން އުޅުނު ދަތި އުނދަގޫ ހާލު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވެއެވެ. ގައުމަށްޓަކައި ކާބަފައިން އެކުރެއްވި އަގުހުރި ޖިހާދުތަކުގެ އަގު އަޅުގަނޑުމެންނަށް ވަޒަން ކުރެވެއެވެ." މިނިސްޓަރު ޔުމްނާގެ މެސެޖުގައިވެއެވެ.

މިއަހަރުގެ ތަރިކައިގެ ދުވަހުގެ ޝިއާރަކީ، "އެންމެންގެ ސަގާފަތް، އެންމެންގެ ތަރިކަ، އެންމެންގެ ޒިންމާ ނުވަތަ ޝެއާޑް ކަލްޗާ، ޝެއާޑް ހެރިޓޭޖު ޝެއާޑް ރެސްޕޮންސިބިލިޓީ،" މިއެވެ.

މިނިސްޓަރު ޔުމްނާ ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް އެންމެން ގޭގައިތިބޭ މި ދަނޑިވަޅުގައި، ކާބަފައިން އުޅުނު ގޮތާ ބެހޭ މައުލޫމާތު އެއްކުރުމާއި، ސަގާފީ ކުޅިވަރުތައް ދަސްކުރުމާއި، ސަގާފީ މަސައްކަތްތައް ދަސްކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ސަގާފީ ކެއުންތައް ކެއްކުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރެވެމުން އަންނަ ދުނިޔޭގެ ތަރިކައިގެ ދުވަހެވެ.