Close
ކުއްލި ޚަބަރު

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލާފައިވާ މުއްދަތު މިމަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފި

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލާފައިވާ މުއްދަތު މިމަހު 30 ވަނަ ދުވަހަށް އިތުރު ކޮށްފިއެވެ.

މިއީ ކޮވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތީ އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލި ފަހުން މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވަނީ، މިއަދުގެ ނިޔަލަށް މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލަން އަންގައިފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިއަދުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސަރުކާރުން އަރައި ފޭބުން މަނާކުރި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން 30 އޭޕްރިލް 2020ގެ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރަށެއް ލޮކްޑައުން ކޮށްފިނަމަ އެރަށެއްގައި ވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ އަސްރު ނަމާޑުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" އަރަބި ބަހުންނާއި ދިވެހި ބަހުން ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.