Close
ޚަބަރު

މުދަލާއި ފެން އެރުވުން ފަދަ ބޭނުންތަކަށް ދޯނި ފަހަރު ކައިރި ކުރަންވީ ނޯތު ހާބަރަށް: ފުލުހުން

މަރިޔަމް ޝަހުދާ

ލޮކްޑައުންގެ ހާލަތުގައި މުދަލާއި ފެން އެރުވުން ފަދަ ބޭނުންތަކަށް ދޯނި ފަހަރު ކައިރި ކުރަންވީ ނޯތު ހާބަރަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ރާއްޖޭގެ އެކި ރާއްޖޭގެ ރަށްތަކުންނާއި ރިސޯޓުތަކުން މުދަލާއި ފެން އެރުވުމަށް މާލެ އަންނަ އިރު ބޯޓުގެ ފަޅުވެރިން ނޫން މީހުނަށް ނާދެވޭނެ ކަމަށެވެ. އަދި މިކަމަށް އަންނަ އުޅަދުތަކަށް ކައިރި ކުރެވޭނީ ނޯޓު ހާބަރަށް ކަމަށް ފުލުހުން ބުނެއެވެ.

މާލެ ވަނީ ލޮކްޑައުންގެ ހާލަތުގައި ކަމަށް ވުމުން މާލެއަށް އެއްވެސް މީހަކަށް ނޭރޭނެ ކަމަށް ފުލުހުންގެ ޓުވީޓުގައި ބުނެފައިވެއެވެ. އަދި މާލެއަށް އައުމަށް އުޅަނދުތަކަށް ހުއްދަ ދެނީ ހަމައެކަނި މުދާ ބަލާ އައުމަށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މުދާ ބަލާ މާލެ އައުމަށް ދަތުރު ފެށުމުގެ ކުރިން ރަށު ކައުންސިލަށް އެކަން އެންގުމަށް ފުލުހުން އެދިފައިވެއެވެ.

ބުދަ ދުވަހު މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ލޮކްޑައުންގެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.