ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ލޯކަލް މާރުކޭޓުގައި ހުރި މޭވާ އާއި ތަރުކާރީ ފީވެ ހަލާކު ވަމުންދާތީ އެތަން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮޅިތައް ހުސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. އެމަސައްކަތް ކުރަމުން އަންނަނީ އެޗްޕީއޭ އިން އަންގާފައިވާ ގޮތަށް ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅައިގެން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
"މިހާރުވެސް އެމަސައްކަތް ކުރަމުން އެބަދޭ. މިރޭ ވެސް ވަކި ގަޑިއެއްގައި ހުޅުވާފައި ހުންނާނެ. މިވަގުތުގެ ގޮތުން ފަހަރަކު މީހަކު ގެނެސްގެން އެމީހެއްގެ ތަކެތި ނެރުމުގެ ފުރުސަތު ދެމުން މިދަނީ." އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ހުރިހާ ގޮޅިތައް ހުސްކުރުމަށް ވަކި ގަޑިތަކަކަށް ބަހާލައިގެން ފަހަރަކު މީހަކުގެނެސްގެން މަސައްކަތް ކުރާއިރު މުޅިތަން އެއްކޮށް ހުސްކުރަން ވަގުތު ނަގާނެ ކަމަށެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 12އަށް އަރާފައިވާ އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 32 އަށް އަރައިފައެވެ.
މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވް ވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވް ވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.