Close
ޚަބަރު

ޑެލިވަރީ ކޮށްދިނުމުގައި އެހީތެރިވުމަށް 300 އަށްވުރެ ގިނަ ވޮލަންޓިއަރުން ޝައުގުވެރިކަން ފާޅުކޮށްފި

އިބްރާހިމް ޒަކީ

މާލެ ސަރަހައްދަށް ލޮކްޑައުންގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ފިހާރަތަކުގެ ޑެލިވަރީއަށް ބާރުބޮޑުވެ ދަތިތަކެއް ކުރިމަތިވެފައިވާތީ، ޑެލިވަރީ ކުރުމުގައި އެހީތެރިކަން ދެވޭނެ ވޮލަންޓިއަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޔޫތް މިނިސްޓާރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މާލޭގެ ބައެއް ފިހާރަތަކުން ގުޅައިގެން އެއްޗެހި ގަތުމުގެ އިންތިޒާމު ހަމަޖައްސައިފައިވީ ނަމަވެސް އެ ފިހާރަތަކުން ޑެލިވަރީ ކޮށްދޭނެ މީހުން މަދުވުމުގެ ސަބަބުން ތަކެތި ޑެލިވަރީގެ ހިދުމަތް އެދެވޭ ގޮތުގައި ނުކުރެވޭތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެގޮތުން އެދަތިތަކަށް އެހީތެރިވުމުގެ ގޮތުން ޔޫތް މިނިސްޓްރީން އިއްޔެ ވަނީ އެކަމަށް ޝައުގުވެރިވާ ވޮލަންޓިއަރުން ހޯދުމަށް ހުޅުވާލައިފައެވެ.

މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑެލިވަރީއަށް ނުކުތުމަށް 300 އަށްވުރެ ގިނަ ވޮލަންޓިއަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި

އެފަރާތްތަކުގެ ރެކޯޑް ސާފު ކުރުމަށްފަހު، ކުރިއަށްދާންވީ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް 7770779 ނަންބަރުން ގުޅަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެކި ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ފަށާފައިވާއިރު އެސްޓީއޯ ސުޕަމާޓަށް ދިން އޯޑަރުތައް ގިނަވެ، އެތަނުން އޯޑަރު ނެގުން ވަނީ މެދުކަނޑާލައިފައެވެ. އަދި އޯޑަރު ދީފައިވާ މުދާތައް ގޭގެއަށް ގެންގޮސްދިނުމުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭގެ އިތުރުން ފެނަށް ލިބުނު ބޮޑު ޑިމާންޑާއެކު ފެން ޑެލިވަރީ ކޮށްދިނުމުގައި ވެސް ސިފައިންނާއެކު ފުލުހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.