ކޮވިޑް ޖެހިފައިވާ ބަންގްލަދޭޝް މީހަކު މާލެއިން ފެނި، މާލެއިން ފެނު މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ބަންގްލަދޭޝް މީހާއަކީ ކޮވިޑް 19 އަށް ޕޮޒިޓިވް ވި ޕޭޝަންޓް 30ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އަދި ބަންގްލަދޭޝް މީހާ ކޮވިޑް 19 އަށް ޓެސްޓު ކުރި އިރުވެސް އެމީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ހުރި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި މީހާވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 12އަށް އަރާފައިވާ އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32 އަށް އަރައިފައެވެ.
މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވް ވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.