Close
ޚަބަރު

ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތަކަށް މިހާތަނަށް 2167 ހުއްދަ ސްޓިކާ ދޫކޮށްފި

އައިދާ އަބްދުލް ހަކީމް

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އާންމުންނަށް ޑެލިވަރީގެ ހިދުމަތް ދިނުމަށްޓަކައި މިހާތަނަށް 2167 ހުއްދަ ސްޓިކާ ދޫކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މާލެއިން ފެނުނު ކޮރޯނާވައިރަސްގެ ކޭސްތަކާ ގުޅިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކުރުމާއެކު، ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ގެންގޮސް ދެވޭނޫ ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ސީޕީ ހަމީދު މިރޭ ކުރެވި ޓުވީޓެއްގައި ވިދާޅުވީ ހުއްދަ ދޫކޮށްފައިވާ 2167 ސްޓިކާގެ ތެރޭގައި ހިމެނެނީ ރީޓެއިލް ފިހާރަތަކާއި ޑެލިވަރީ ފިހާރަތަކަށް މުދާ ގެންގޮސްދޭ ހޯލްސޭލް ވިޔަފާރިތަކަށް ކަމަށެވެ. އަދި އެހެން ކަންކަމަށް ވަކިވަކި ފަރުދުންނަށް ހާއްސަ ހުއްދަތަކެއް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ލޮކްޑައުންގެ ހާލަތާ ގުޅިގެން ވެސް މާލޭގެ މަގުތަކުގައި މީހުން ގިނަވެ އުޅޭތީ ފުލުހުން ވަނީ މިރޭ 08:30 ފެށިގެން ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ލޮކްޑައުންގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް ކުރާނީ 1000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށާއި އަދި ދެވަނަ ފަހަރަށް ނުކުމެ އުޅެނިކޮށް ފެންނަ މީހުން ޕީނަލް ކޯޑުގެ ދަށުން ހައްޔަރު ކުރާނެ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ.

ރާއްޖެއިން ކޮވިޑް 19 ޖެހިފައިވާ 28 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން އަށް މީހުން ފެނިފައިވަނީ މާލެއިންނެވެ. އަދި ރާއްޖޭން ބައްޔަށް ޕޮޒިޓިވްވި 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.