Close
ޚަބަރު

ފައިސާ ނޫޓުންނާއި ލާރިން ކޮވިޑު ފެތުރޭކަމަށް އެނގިފައެއް ނެތް، ނުފެތުރޭކަމަށްވެސް އެނގިފައެއް ނެތް

އައިދާ އަބްދުލް ހަކީމް

ނޫޓުންނާއި ލާރިން ކޮވިޑު 19 ފެތުރޭކަން ނުވަތަ ނުފެތުރޭކަންވެސް ޑަބްލިޔުއެޗްއޯ އިން މިހާތަނަށް އާންމު ކޮށްފައިވާ ދިރާސާތަކުން އެނގެން ނެތް ކަމަށް މަޝްހޫރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑަބްލިޔުއެޗްއޯ އިން އާންމުކޮށްފައިވާ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ އެނގޭކަމަކީ އެކައްޗެއްގައި ގިނައިން އަތްޖެހުމަކީ ނުރައްކަލެއްކަން ކަމަށާއި ގިނަގިނައިން އަތް ދޮންނަން ޖެހޭކަން ކަމަށެވެ. އަދި މޫނުގައި ހުންނަ ޖަރާސީމު ވަންނަ ދޮރުތަކުގައި (ނޭފަތް، އަނގަ، ލޯ) އަތް ނުއުނގުޅުން ކަމަށެވެ.

"ނޫޓުންނާއި ލާރިން ކޮވިޑު ފެތުރޭކަމަށް އެނގިފައެއް ނެތް، އަދި ނުފެތުރޭކަމަށްވެސް އެނގި ފައެއް ނެތް، އެނގޭއެއްޗަކީ އެކެއްޗެއްގައި ގިނައިން އަތްޖެހުމަކީ ނުރައްކަލެއްކަން، އަތް ދޮންނަން ޖެހޭކަން، މޫނުގައި ހުންނަ ޖަރާސީމު ވަންނަ ދޮރުތަކުގައި (ނޭފަތް، އަނގަ، ލޯ) އަތް ނުއުނގުޅަންވީކަން" ޑަބްލިއުއެޗްއޯއިން ބުނެފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ބަލި ޖެހިފައިވާ މީހުން ވާހަކަދެއްކުމުންނާއި ކެއްސައި އަދި ކިނބިހި އެޅިނަމަވެސް ޖަރާސީމު ނިކުންނާނެ ކަމަށެވެ. އެކަންކަމުގައި ހުރި ތަފާތަކީ ނިކުންނަ ވަރު ކަމެވެ.