Close
ޚަބަރު

ޑެލިވަރީ ހިދުމަތަށް ޔޫތު މިނިސްޓްރީން ވޮލަންޓިއަރުން ހޯދަނީ

އައިދާ އަބްދުލް ހަކީމް

1

މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅުގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ރައްޔިތުންނަށް ތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީ ހިދުމަތް ދޭނެ ވޮލެންޓިއަރުން ހޯދަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މާލޭގެ ބައެއް ފިހާރަތަކުން ގުޅައިގެން އެއްޗެހި ގަތުމުގެ އިންތިޒާމު ހަމަޖައްސައިފައިވީ ނަމަވެސް މީހުން މަދުވުމުގެ ސަބަބުން ތަކެތި ޑެލިވަރީގެ ހިދުމަތް އެދެވޭ ގޮތުގައި ނުކުރެވޭތީ މި ދެދުވަހު އާންމުން ވަނީ މަގުތަކަށް ނުކުމެފައެވެ.

ޔޫތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ގެތަކަށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން އެމިނިސްޓްރީއާއެކު މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ވޮލެންޓިއަރުން 7335426 އަށް މެސެޖުކޮށް ނަންނޯޓު ކުރުމަށް އެދޭ ކަމަށެވެ.

ކޮވިޑް 19 މާލެ ތެރެއިން ފެނިފައިވާތީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ކެނޑިނޭޅި އަންގަމުން އަންނަނީ މިވަގުތު ތަކެތި ގަތުމަށްވެސް އާންމުން ބޭރުގައި ނޫޅުމަށެވެ. އަދި ތަކެތި ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ދަތިނުވެ ކަންކަން ރޭވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުންދާނެ ކަމަށެވެ.

މިހާރުގެ ހާލަތަކީ ތަކެތި ގަތުމަށް މީހުން ތޮއްޖެހުން ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށާއި ކިރިޔާވެސް ގޮތެއް އޮތް ފަރާތްތަކުން މިވަގުތަށް ހުރި ތަކެއްޗަކުން މެނޭޖުކޮށްދިނުމަށް އެދޭކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟