ސޯޝިއަލް މީޑިއާގައި ފެތުރޭ އެކި ކަހަލަ ދޮގު ވާހަކަތަކުގެ ސަބަބުން، ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒްގެ ކެތްތެރިކަން ކޮޅުން ލައި، އުދާސްތައް ބަންޑުން ކޮށްލައްވައިފި އެވެ.
ރާއްޖޭގެ މުޖުތަމައު ތެރެޔަށް ކޮވިޑު ފެތުރިފައިވާ މި ހާލަތުގައި، ބަލީގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް މީޑިއާތަކާ އެކު ވީޑިއޯ ކޮންފަރެންސިންކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މަބުރޫކް ވަނީ ފުރަތަމަ ފަހަރަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުންނަވައިގެން މި މައްސަލައިގައި ވާހަކަދައްކަވައިފަ އެވެ.
ސޯޝިއަލް މީޑިއާގައި ފެތުރެމުންދާ ބައެއް ވާހަކަތަކާ ގުޅުވައިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މަބުރޫކް ވިދާޅުވީ، ނޫސްވެރީންވެސް މީޑިއާތަކުންވެސް ޒިންމާދާރު ކަމާއެކު މަސައްކަތްކުރެއްވުން އެއީ އާދޭހާ އެކު އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ރައްޔިތުންވެސް މި ކަމާއި ގުޅިގެން ޒިންމާދާރުކަމާ އެކު މައުލޫމާތު ފޯރިކޮށްދޭ މީޑިއާތަކަށް އެކަނި ބަރޯސާ ވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މި ކަމާ ބެހޭ މައުލޫމާތެއް ސިއްރު ކުރީ ކޮން އިރަކުތޯ؟ އަޅުގަނޑުމެން މި އަންނަނީ އަބަދުވެސް މިކަމުގެ ތެދު މައުލޫމާތު އެއްވެސް ކަމެއް ސިއްރުކުރުމެއް ނެތި ލިބެމުންދާ މިންވަރަކުން ރައްޔިތުންނާ ހިއްސާކުރަމުން. އަދިވެސް މިދަންނަވަނީ މިކަމުގަ އަޅުގަނޑުމެން އެއްވެސް މައުލޫމާތު ސިއްރެއް ނުކުރާނަން." މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ގައުމު މިހާލަތަށް ވެއްޓި، ކަމުގެ ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ މިހާލަތުގައި ވެސް ކަންކަން ގަސްދުގައި އޮޅުވައިލަން މަސައްކަތް ކުރާ ބަޔަކު ސޯޝިއަލް މީޑިއާގައި އެބަ އުޅޭ ކަމަށެވެ. އެއީ ކަމެއް އޮޅުން ފިލުވަން ނުވަތަ ނޭނގިގެން އެބަޔަކު ކުރާ ކަމެއް ނޫން ކަމަށާއި އެއީ ސީދާ ގަސްދުގައި ހިންގާ ކަމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މިއީ އާންމު ގޮތެއްގައި ހިނިތުންވުމާ އެކު ޕްރެސް ކޮންފަރެންސްތަކުން ފެންނަ މަބްރޫކް މިހާ ބޮޑަށް ހިތްހަމަނުޖެހި ހުންނަވައިގެން ކަމަކާ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
"އަސްލު މިއީ ހަމަ ގަސްދުގައި ބަޔަކު ހިންގާ ކަމެއް. އަޅުގަނޑު އަސްލު ބޭނުމެއް ވެސް ނޫން އެފަދަ ފޭކް އަދި ދޮގު ވާހަކަތަކަށް ވަގުތު ހުސްކޮށްގެން އެކަން އެންޓަޓެއިންކުރާކަށް ވެސް!" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފަ އެވެ.
މިކަމާއި ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.