Close
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

ކޮވިޑަަށް ރާއްޖޭގައި ހަދާ ޓޭސްޓަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެންމެ އިތުބާރު ކުރެވޭ ޓެސްޓް: ޑރ. ނަޒްލާ

ކޮވިޑު ބަލި ހުރިތޯ ބެލުމަށް ރާއްޖޭގައި ހަދަމުން އަންނަ ޓެސްޓަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެންމެ އިތުބާރު ކުރެވޭ ޓެސްޓް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މުޖުތަމައު ތެރެޔަށް ކޮވިޑު ފެތުރިފައިވާ މި ހާލަތުގައި، ބަލީގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް މީޑިއާތަކާ އެކު ވީޑިއޯ ކޮންފަރެންސިންކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ޑރ. ނަޒްލާ ވިދާޅުވީ، ދުނިޔޭގައި ހަދާ މިފަދަ އެއްވެސް ޓެސްޓަކީ 100 ޕަސެންޓު ޔަގީން ޓެސްޓެއް ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މި ބޭނުންކުރާ ޓެސްޓަކީ މިހާރު ލިބެން ހުރި ވަސީލަތްތަކަށް ބަލާ އިރު އެންމެ ރަނގަޅު ނަތީޖާ ލިބޭ ޓެސްޓު ކިޓުތައް ކަމަށެވެ.

މީގެ އިތުރުން، ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ޓެސްޓުތައް ހެދުމުގައި ހަރަކާތެރިވެވަޑައިގަންނަވަނީ ވެސް ފަންނީ ތަމްރީނު ލިބިވަޑައިގެންނެވި ގާބިލު ބޭފުޅުން ކަމަށާއި އެހެން ކަމުން މި ކުރެވޭ ޓެސްޓުތަކާ މެދު އެގޮތުން ބަލައި ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.

ޑރ. ނަޒްލާ މިގޮތަށް ވިދާޅުވި އިރު، ރާއްޖޭގައި ކޮވިޑު ހަދަން އިހުތިޔާރުކޮށްފައިވާ ގޮތަކީ އަދި ކިޓަކީ ރާއްޖޭގެ ސިއްހީ މާހިރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެއްބަސްވެފައިވާ ޓެސްޓު ކިޓުތަކެވެ.

ދުނިޔޭގައި މިހާ ތަނަށް ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ކޮންމެ ކަހަލަ ކިޓަކުން ކުރި ނަމަވެސް، ކޮވިޑު ބަލި އެމީހެއްގެ ހަށިގަނޑުގައި ހުރި ނިސްބަތަކުން، ނުވަތަ ސާމްޕަލްގައި ވައިރަސް ހިމެނޭ ނިސްބަތެއްގެ ސަބަބުން ވެސް އޭގެ ފުރިހަމަ ނަތީޖާ ނައުމަކީ ވެދާނެ ކަމެކެވެ. އެހެން ކަމުން މިފަދަ ޓެސްޓެއްގެ ނަތީޖާ 100 ޕަސެންޓު ރަނގަޅު ނުވުމަކީ އަބަދުވެސް ފުރުސަތު އޮންނަ ކަމެއްގެ ގޮތުގައި މެޑިކަލް ސައިންސުގެ ބޭފުޅުން ވިދާޅުވެ އެވެ.

ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފަ އެވެ.

މިކަމާއި ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.