ކޮވިޑް 19

ރައީސް މައުމޫނު: ރާއްޖޭގައި ކޮވިޑް ފެތުރެންފެށީ އިރުޝާދުތަކަށް ކަމޭނުހިތާތީ، އަމިއްލަ އިހުމާލުން

އިބްރާހިމް ޒަކީ

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެން ފެށީ އިރުޝާދުތަކަށް ކަމޭނުހިތާތީ ކަަމަށް ރާއްްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ރާއްޖޭގެ މުޖުތަމައަށް ފެތުރެން ފަށައި، ކޮވިޑް 19 އަށް ޕޮޒިޓިވްވި 5 މީހުން މިހާތަނަށް މާލޭން ފެނިފައި ވަނިކޮށް، އެކަމުގެ ހިތާމަ ފާޅު ކުރައްވަައި ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށީ، އިރުޝާދުތަކަށް ކަމޭނުހިތާތީ އާއި އަމިއްލަ އިހުމާލުން ކަމަށެވެ. ދެންވެސް ގޭގައި ތިއްބެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"ހިތާމައާ އެކު ދަންނަވަން ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑްފެތުރެން އެފެށީ އިރުޝާދުތަކަށް ކަމޭނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲގެ ރަޙްމަތަށް އެދެން،" ރައީސް މައުމޫނުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

މާލެއިން ކޮވިޑް 19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވް ވި އެ އަންހެން މީހާގެ ތުއްތު ދަރިފުޅުުވެސް ޕޮޒިޓީވް ވިކަން އެދުވަހު އެނގުނެވެ. އޭގެ އިތުރުން އެމީހުންނާ ކޮންޓެކްޓްވި އިތުރު މީހަަކު ވެސް ޕޮޒިޓިވް ވި ކަން އެރޭ ދަންވަރު އެނގުނެވެ.

އޭގެ ތެރެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި ދެ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ރޭ ދަންވަރު ވަނީ އެނގިފަ އެވެ.

މާލެއިން ޕޮޒިޓިވް ވި ފަސް މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 25 އަށް އަރައިފައެވެ. އޭގެ ތެރެއިން މިހާތަނަށް 16 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވް ވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ ހަތް ދިވެއްސަކަށެވެ.

މުޖުތަމައު ތެރެޔަށް ކޮވިޑް 19 ފެތުރުމާއި ގުޅިގެން އިއްޔެ މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފަ އެވެ.