ވާހަކަ

ކޮންމެ ހިނދެއް - 40

4

މާހިލް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭނާއަށް ބޭނުންވާނެ ބައެއް ސާމާނު ހިފައިގެން ގޮސް ގެސްޓްރޫމަށް ވަނެވެ. ކުރަން އުޅުނު ކަންތައްތައް ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލްތައް ލިބެން ފެށުމުން ނައިޝީގެ ތުންފަތްމަތިން ފާޅުވަމުން ދަނީ ފަތަހައިގެ ހިނިތުންވުމެވެ.

އަނދިރިކަން ވެރިވެފައިވާ ސިޓިންގރޫމުން އެއްވެސް އަޑެއް ނީވެއެވެ. ކާމޭޒު ކައިރީގައި ހުރި މީހެއް އެތެރެއަށް ދެމިގަތްތަން ފެނުނެވެ. ކޮޓަރިން ނިކުމެގެން އައި އާވާއަށް އެތަނެއް ނުފެނެއެވެ. ބަދިގެއާއި ދިމާލަށް ގޮށްސައިވެސް އަނބުރާލާފައި ސުވިޗުތައް ކައިރިއަށް ޖެހިލިއެވެ. މިވަގުތު އޭނާގެ ދިރިއުޅުން އެތަނަށް ވެރިވެފައިވާ އަނދިރިކަން ފަދައެވެ. އެހެންކަމުން އެ އަނދިރިކަމުގައި ހިނގަން އޭނާ ބޭނުމެއްނުވިއެވެ. ތަނަށް ވެރިވެގެން ދިޔަ އަލިކަމުގައި ނިވާވެފައި ހުރި ބަދިގެއިން ދެ ހިޔަންޏެއް އާވާއަށް ފެނުނެވެ. އޭނާ މަޑުމަޑުން އެދިމާލަށް ދިޔައެވެ. އަތުގައި އޮތް ފެންހުސްކުރި ޖަގު މޭގައި ޖައްސާލައިގެން ހުރިއިރު އެތަނުގައި ތިބި ކޮންބައެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

"ކަމެއްނުވޭ މަންމާ" ފިރިހެން އަޑެއް އާވާގެ ކަންފަތުގައި ޖެހުނެވެ. އެއީ ކިޔާންގެ އަޑުކަން އާވާއަށް އިނގުނެވެ. އެތަނުގައި ޒެރީން ވެސް ހުރިކަން އިނގުމުން އާވާ އެތެރެއަށް ނުވަދެ މަޑުކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ ދެމައިން ދައްކަމުންދިޔަ ވާހަކަތައް އެހުމެވެ.

"މަންމަ މިތަނަށް އައީ ކޮންމެހެން ކިޔާން މިތަނުގައި އިންނާނެ ކަމަކަށް ނޫން. އެކަމަކު ދަރިފުޅު އިންގޮތުން އިނގިއްޖެ ކަމެއްވެއްޖެކަން. އެ މަންޖެއާއި ދެކުދިން މައްސަލައެއް ޖެހުނީތަ؟" ޒެރީން ބުނެލި އަޑު އިވުނެވެ.

"ނޫން. ބޮލުގައި ރިއްސާތީ ހަމަ އިނީ" ކިޔާން ބުންޏެވެ.

"އާވާގެ ކަމެއް ދޯ. މަންމައަށް ކިޔައިދީބަލަ. އެވީ ދަރިފުޅާ ވަކިން ވާހަކަދެއްކީ ކީއްވެ؟" ޒެރީން ވާހަކަދެއްކިއެވެ.

"އަހަރެން އެވީ އާ މެދު ދުވަހަކުވެސް ގޯސްކޮށް ކަންތައް ނުކުރަން. ކުރިން މަސައްކަތްކުރިން އެވީ ހާސިލްކުރަން. އެކަމަކު އަހަރެން އެވިސްނުން ދޫކޮށްލައިފިން. އެވީއާއި މާހިލްއާ ދެމެދުގަ ޖެހުނީ ކޮންކަހަލަ މައްސަލައެއްކަމެއް ނޭނގޭ. ވީކަމެއްގަ އެވީ ބްލޭމް ކުރަނީ އަހަރެން. މިހާރު ހިތަށް އަރާ މަންމަ އާ އެކު އެދުވަހު އެގެއަށް ނުދެވުނު ނަމައޭ" ކިޔާން ވާހަކަދެއްކިއަޑު އިވުނެވެ. އެވާހަކަތައް އަޑުއަހަން ހުރި އާވާއަށް އަނގަމަތީގައި އަތް އެޅުނެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށުނެވެ. ބަދިގެއަށް ނުވަދެ އޭނާ އަލުން ކޮޓަރިއަށް ދިޔައެވެ.

އަތުގައި އޮތް ހުސްޖަގު މޭޒުމަތީގައި ބަހައްޓާފައި އެނދުގައި އިށީނެވެ. ކިޔާން ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ. އެކަމުގައި ކިޔާންގެ އަތެއް ނުވާނަމަ އެކަން އެހިނގީ ކިހިނެއް ހެއްޔެވެ؟ ނައިޝީއަށް އެހީވީ ކާކު ހެއްޔެވެ؟ ޔަޤީނުންވެސް ކިޔާން ނޫން އެހެން މީހެއް ދުވަހަކުވެސް އޭނާއަށް އިނގިގެން އެކޮޓަރިއަށް ވަދެފައި ނެތެވެ. ވިސްނުންތައް ގިނަވެގެން ގޮސް އާވާގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އޭނާގެ ސިކުނޑިއާއި ހިތް ދެބަސްވަމުން ދިޔައެވެ. ބައެއްފަހަރު ކިޔާންއަށް ނުބައި ޝައްކެއް ކުރެވުނީތީ އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އަނެއްފަހަރު އެކަމުގައި އަޑީގައިވަނީ ހަމައެކަނި ކިޔާން އޭ ހިތް ބުނަމުން ދިޔައެވެ. ވިސްނަންވީ އެއްޗެއް އޭނާއަށް ނޭނގުނެވެ.

އަމިއްލައަށް ގޮތެއް ނިންމަން އޭނާއަށް ނޭނގުނެވެ. ބޮލުގައި ރިހުންތައް ގިނަވެއްޖިއްޔާ ޑޮކްޓަރަކާއި ހަމައަށް ނުގޮސް ރަނގަޅުނުވާނެތީ އޭނާ ބޭނުންވީ ހެއްދެވި ފަރާތާއި ވަކީލުކޮށް ކިޔާން ކައިރިން ކުރެވުނު ކުށްހީއަށް މަޢާފަށް އެދޭށެވެ. އޭނާ އެނދުން ތެދުވިއެވެ. ގަޑިބަލައިލުމަށްފަހު ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނިކުމެ ނަމާދަށް އެރިއެވެ.

"ދުނިޔޭގައި މުސީބާތް ނުވާނަމަ އަހަރުމެން އަންނަހުށީ ހުސްއަތާއެވެ. އެބަހީ މުސީބާތަތްކަށް ކެތްކުރުމަކީ މީހާގެ ދަރަޖަ ނުހަނު މަތިވެރިވެގެން ދާނޭ ކަމެކެވެ" ޓީވީ ހުޅުވާފައި ހުއްޓަސް އެނދުގައި އޮތް މާހިލް އޮތީ ދެލޯ މަރާލައިގެންނެވެ. އޭނާގެ ކަންފަތަށް ޓީވީން ދައްކަމުން ދިޔަ ވާހަކަތައް އިވެމުން ދިޔައެވެ.

މާދަމާއަކީ އޭނާއަށް ބޮޑު ދުވަހެކެވެ. ނައިޝީއަށް ޖަވާބެއްދޭން ޖެހޭނެއެވެ. އޭނާގެ ވީރާނާވެފައިވާ ދިރިއުޅުން ފަހަތަށް ދޫކޮށް އެހިސާބަށް ގެނެސްދިން އޯގާވަންތަ އިލާހު ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. ހަލާލު އަނބިމީހާ ހުއްޓާ ހިލޭ އަންހެނެއްގެ ޖިސްމުގައި ބީހޭން އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ. އަނެއްކާވެސް އެވަރުގެ ބޮޑު ފާފައަކަށް އަރައިގަންނަންވީ ހެއްޔެވެ؟ އެދިރިއުޅުމަށް އަނެއްކާ އެނބުރި ބަލައިލަންވީ ހެއްޔެވެ؟ އެގޮތެއް ނެތް އަންހެނާ ބުނާގޮތް ހަދަންވީ ހެއްޔެވެ؟ މާހިލް އެނދުން ތެދުވެގެން ގޮސް ޓިވީ ރެކްމަތީގައި ބާއްވާފައި އޮތް ރިމޯޓްނަގާ ޓީވީގެ އަޑު އެންމެ ފުލްކޮށްލިއެވެ. ބޭނުމަކަށްވީ ތަނުގެ ހިމޭންކަމުން އޭނާގެ ވިސްނުންތައް އެއްފަރާތް ކުރުމެވެ.

"އެވީ…!! އަހަރެންނަށް މާފްކުރައްޗެ. އަހަރެން… އަހަރެން މާދަމާ އެހެން އަންހެނަކާއި އަހަރެންގެ ހަށިގަނޑު ހަވާލުކުރާނަން. ހަމައެކަނި އެވީއަށްޓަކައި…" އެނދުގައި އިށީނދެގެން ޓީވީއަށް ކުރިމަތިލައިގެން އިން މާހިލްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

"ދުނިޔެވީ ޝަހުވަތުގެ ވަގުތުކޮޅަކަށްޓަކައި ސުވަރުގެ ވިއްކާލާ މީހަކަށް ބުއްދިވެރިއެކޭ ބުނެވޭނީ ކޮންފަދައަކުން ހެއްޔެވެ؟" އިވިގެން ދިޔަ ބަސްކޮޅުން މާހިލްއަށް ފުންމައިގެން ތެދުވިއެވެ. އެބަސްކޮޅުން އޭނާއަށް އެތައް ޢިބްރަތެއް ލިބިގެން ހިނގައްޖެއެވެ. އޭނާ އެފަދަ މުޑުދާރު އަމަލެއް ހިނގަން ވިސްނުނީތީވެސް އަމިއްލަ ނަފްސުދެކެ ފޫހިވެއްޖެއެވެ. ދުނިޔެވީ ހަޔާތުގައި މުސީބާތްތައް ކުރިމަތިވާނީ އެކަލާނގެ ލޯބިވެވޮޑިގެންވާ އަޅުތަކުންނަށެވެ. ދިރިއުޅުން އަބަދު އެއްގޮތަކަށް ނޯންނާނެނެއެވެ. ކޮންމެ ސިކުންތަކުން ދިރިއުޅުން ދާނީ ބަދަލުވަމުންނެވެ.

ތަނެއްގައި ޣާފިލްވެފައި ހުރި އަންހެނަކު ބުނެލި ދެތިން ޖުމްލައެއްގެ ސަބަބުން އޭނާ އެޖެހިލުންވީ ހާދަ ބޮޑަކަށެވެ. އޭނާއަކީ ހަމަ އެހާ ފިނޑި މީހަކީ ހެއްޔެވެ؟ އޭނާއަށް ތެދުމަގު ދައްކަވާ ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވީ ބާރުވެރި ފަރާތަކުންނެވެ. ވީއިރު އެދިރިއުޅުން ހަލާކުކޮށް އާޚިރަތަށްޓަކައި މަސައްކަތްކުރަމުން އައި ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކުރުމުގެ ބާރު އެކަހަލަ އަންހެނަކަށް ލިބިގެންވޭ ހެއްޔެވެ؟ ކޮންމެ އަޑިގަނޑަކުންވެސް އަރައިގަނެވޭނީ ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްގެންނެވެ.

ޓީވީ އަޑު މަޑުކޮށްލުމަށްފަހު މާހިލް ވިސްނާލިއެވެ. ނައިޝީއާއި ދެކޮޅަށް ކުޅެގެން ކާމިޔާބު ހޯދުމަށް އޭނާ ބޭނުންވަނީ ކުޑަކުޑަ އެހީއެކެވެ. ބާކީ ބައި ދޫކޮށްލަން ބޭނުންވަނީ ހެއްދެވި ފަރާތަށެވެ. ތުންފަތް މައްޗަށް ވެރިވެގެން ދިޔަ ހިނިތުންވުން ރަމްޒުކޮށްދެނީ އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމެވެ. އެގަޑީގަ ޝާނިމްއަށް ގުޅީ ޝާނިމް ހޭލާ ހުރެދާނެ ކަމަކަށް ނޫނެވެ. އޭނާ އެހީ ބޭނުންވީ ހަމައެކަނި ޝާނިމްގެ ފަރާތުންނެވެ. މާތްﷲ ތެދުމަގު ދެއްކެވި އަޅަކު މަގުފުރެދިގެން ނުދާނެކަން ކަށަވަރެވެ.

ހަވީރުގެ ސަޔަށް ހުރިހާ މީހުން މޭޒު ކައިރިއަށް ޖަމާޥެފައި ތިއްބެވެ. އާދައިގެމަތިން އާވާ އައީ ޙާޖަރު ބަލާ ދިޔުމުންނެވެ. މޭޒު ކޮޅުގައި އިން ކިޔާންއަށް އާވާ ބަލައިލިއެވެ. އެވަގުތަކީ ކިޔާންވެސް އާވާއަށް ބަލައިލި ވަގުތެވެ. އާވާ އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލާފައި ޙާޖަރާއި ރިޒާއާއި ދެމެދުގައި އިން ގޮނޑީގައި އިށީނެވެ.

"ވަރަށް އުފާވެރި ޚަބަރެއް އެބައިން އެންމެންނަށް ދޭން" ޒެރީން ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ސަމާލުކަން ޒެރީންއަށް ހުއްޓުނެވެ.

"ކިޔާން ވަރަށް އަވަހަށް ކައިވެންޏެއް ކުރަން ނިންމައިފި" ޒެރީން ބުނެލިއެވެ.

"އަލްޙަމްދުﷲ. ތިއީ ވަރަށް ރަނގަޅު ވިސްނުމެއް" ރިޒާ ވާހަކަދެއްކިއެވެ.

އާވާ ހަމައެކަނި ބޯލީ ކަޅުސައި ތައްޓެވެ. އޭނާ ތެދުވެގެން ދާން އުޅުނު ވަގުތު ޙާޖަރު ބަލަން އިންގޮތުން މަޑުޖެހިލިއެވެ.

"އެހާ ބަނޑުހައެއްނުވޭ މަންމާ. މުޅި ހަށިގަނޑު ލޮޑުވެފަ ހުންނަނީ. ބަލިވާން އުޅޭހެން ހީވަނީ" އާވާ ވާހަކަދެއްކިއެވެ.

"އެހެންވާނީ އެވީ މިގެއަށް އައިފަހުން އަދި ރަނގަޅަށް ކާއެއްޗެއް ކެއި ތަނެއް ނުފެނޭ. މަންމަގެ އަނގަ މަޑުންލައިގެން ނުހުރެވޭނެ އެވީ ތިހެން ކަންތައް ކުރަންޏާ" ޙާޖަރު ޝަކުވާ ކުރިއެވެ. އަޑުގައި ނުރުހުމެއް ނެތަސް ކަންބޮޑުވުން ވިއެވެ.

"ސޮރީ މަންމާ.. ރަނގަޅުވާނެ ފަހުން" އާވާ ބުނެލިއެވެ.

އާވާ ހިނގައިގަނެފައި މަޑުކޮށްލިއެވެ. ކިޔާންއަށް ބަލައިލާފައި އޭނާ ވިސްނާލިއެވެ. އޭނާ ކިޔާން އާ ބައްދަލުކުރަން ބޭނުންވަނީ ވަކިންނެވެ. އެންމެންގެ ތެރޭގައި ދައްކަން ބޭނުންވާ ވާހަކަދެއްކުން އެހާ ރަނގަޅެއް ނޫނެވެ.

"ކިޔާން…! ކަމެއް ނެތިއްޔާ ސައިބޮއެ ނިމިގެން ކޮޓަރިއަށް އާދެވޭނެތަ؟" އާވާ ވާހަކަދެއްކިއެވެ. ކިޔާން އާވާއަށް ބަލައިލި ގޮތަށް ފުރަތަމަ އެއްޗެއް ނުބުނެ އިނެވެ. ޒެރީން ކޮށްޓައިލުމުން އަވަސް އަވަހަށް ބޯޖަހައިލިއެވެ.

މެންދުރު ކާން ފަލަކްނާޒް ކޮޓަރިން ނުނިކުމެއެވެ. ކާމޭޒު ކައިރީގައި ތިބީ ނާސިހާއި އަލަމް އެކަންޏެވެ. އާރިޔަން ވީ ޑިޔުޓީގައެވެ. އަލަމްއަށް ކާންދޭން އިން އަނުމްއަށް ނާސިހް ގޮވައިލިއެވެ.

"ދަރިފުޅާ!! ތައްޓަކަށް ދެތިން ރޮށްޓާއި މަސްކޮޅެއް ލައިބަލަ" ނާސިހް ބުނެލިއެވެ. އަނުމް ނާސިހަށް ބަލައިލީ ހިތުގައި ސުވާލު އުފެދިގެންނެވެ.

"ކިތަންމެ ގޮތްދޫނުކުރިޔަސް އެއީ އަދިވެސް ބައްޕަގެ އަނބިމީހާ. މިއަދު އޮތީ ވަރަށް ބޮޑަށް ބަލިވެފައި. އެހެންވީމަ ބައްޕަ ނުވާނެ ހަނދާން ނައްތާލައިގެން ބައްޕަގެ ވާޖިބުތަކުގެ މަތިން" ނާސިހް ބުނެލިއެވެ.

"އަޅުގަނޑު ހިތަށްވެސް އަރައިފި ހެނދުނުވެސް ސަޔަށް ނުނިކުންނާތީ" އަނުމް ބުނެލިއެވެ.

"ރެއިން ފަށައިގެން ހުމާ އޮތީ" ނާސިހް ބުނެލިއެވެ.

"ބައްޕަ ފިހާރައަށް ދާ މަގުމަތީގައި އަލަމް ޤުރުއާން ކްލާހަށް ގެންގޮސްދީ. އަޅުގަނޑު އާރިޔަން މަންމައަށް ކާން ހިފައިގެން ދާނަން" އަނުމް ވާހަކަދެއްކިއެވެ. ނާސިހްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ދަރިފުޅުގެ ކިބައިގައި އެވަނީ ހަމަ އެދަރިފުޅުގެ މަންމަގެ ގޮތެވެ. އެހެން މީހުންނާ މެދު ހިތުގައި ހަސަދަވެރިކަމެއް ބާއްވައިގެން އުޅުމަކީ އެދެމައިން ދަންނަ ކަންތައްތަކެއް ނޫނެވެ.

"ދަރިފުޅު ހާދަ ރަނގަޅޭ.." ނާސިހް ބުނެލިއެވެ.

ނާސިހާއެކު އަލަމް ފޮނުވާލާފައި އަނުމް ބެލީ ބަދިގެތެރެ ސާފުކޮށްލެވޭތޯއެވެ. ބާކީ ހުރި އެއްޗިއްސަށް ހޫނުކޮށްފައި ފަލަކްނާޒަށް ކާއެއްޗެހި ހިފައިގެން އަނުމް ހިނގައިގަތެވެ.

އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ފޯނާ ކުޅެން އިން ފަލަކްނާޒަށް ކޮޓަރިއަށް ވަން އަނުމް ފެނުމާއެކު ފުންމައިގެން ތެދުވިއެވެ. ފަލަކްނާޒަށް އައި ބަދަލު އަނުމްއަށް ފާހަގަވިޔަސް އޭނާ އިނގުނު ކަމަށް ނަހަދާ ހިނގައިގަތެވެ.

"ކާންވީނުން" އަނުމް ބުނެލިއެވެ.

"މިކޮޓަރިއަށް ވަންނަން ކަލެއަށް ހުއްދަ ދިނީ ކާކު…؟" ފަލަކްނާޒް ބުނެލިއެވެ. އެވަގުތުވެސް އޭނާ އިސްކުރީ ރުޅިއެވެ.

"މިގަޑީގަ ތި ރުޅިވެރިކަން އެއްފަރާތް ކޮށްފަ ކާން އުޅެންވީނުން. ވަރަށް ބަލިކޮށްނު ތިއުޅެނީ؟" ސައިޑް ކަބަޑްމަތީގައި ކާއެއްޗެހި ތަށި ބަހައްޓަމުން އަނުމް ބުނެލިއެވެ.

"ކާކަށް ކޮންކަމެއް ސާބިތުކޮށްދެން ތިއުޅެނީ. މާ ރަނގަޅުކަމަށް ހެދިގެން އުޅުނަސް ކަލޭގެ ވައްތަރު މަށަށް އިނގޭ. ތިއެއްޗެހި ގެންގޮސް ކޮންމެސް އެހެން މީހަކަށް ދީބަލަ" ފަލަކްނާޒް ވާހަކަދެއްކިއެވެ.

"ކައި ނިމިގެން ބޭސްކާތި އިނގޭ. އަލަމް ފޮނުވައިފިން ބައްޕަ އާއެކު" ފަލަކްނާޒް ދައްކަމުންދިޔަ ވާހަކަތަކާ ގުޅުވައިގެން އެއްވެސް އެއްޗެއް ބުނަން އަނުމް ބޭނުންނުވިއެވެ. އޭނާ ކޮޓަރިން ނިކުންނަން ހިނގައިގަންނަން އުޅުނު ވަގުތު ބާރު އަޑުފަށްގަނޑެއް އިވިގެން ބަލައިލިއެވެ. ކާއެއްޗެހި އަޅާފައި ހުރި ތަށިތަކާއި އޭގައި ހުރި ކާއެއްޗެހިތައް ކޮޓަރީގެ އެކި ތަންތަނަށް ބުރައިގެން ގޮސްފައި ހުއްޓެވެ. ޖޫސް އަޅާފައި ހުރި ބިއްލޫރި ތަށި ތަޅައިގެން ގޮސް ބައެއް ބިއްލޫރިތައް އޭނާގެ ފަޔާއި ހަމައަށް އައިސްފައި ހުއްޓެވެ. އަނުމް ހަށަން ބަނދެލައިގެން ފަލަކްނާޒަށް ބަލަހައްޓާއިގެން ހުއްޓެވެ.

"މީހަކުދެކެ ރުޅި އަޔަސް ޙައްދުން ނައްޓާވަރަށް ރުޅި އަންނާކަށް ނުވާނެ. ބަލިވީމަ ގާތްވާނެ މާގިނަ ބަޔަކު ތިބީއެއްނޫން. މިވަގުތަކީ ތިރުޅި އެއްފަރާތްކޮށް ބުނާގޮތް ހަދަންވީ ވަގުތު. މާރީއްޗެއް ނުވާނެ އެޗްޕީއޭ މީހުން އައިސް ގޮވައިގެން ދިޔައިއްޔާ" އަނުމް ހުރިހާ ވާހަކައެއް އެއްކޮށް ގޮވައިގަތެވެ.

"ކަލޭ ދޭ ޒަހަރު ކައިގެން މަރުވުމަށް ވުރެ މާރަނގަޅުވާނެ ތިބުނާ ބަޔަކު އައިސް އަހަރެން ގޮވައިގެން ދިޔަސް" އަނުމްއަށް ދެލޯ އަޅައިލަމުން ފަލަކްނާޒް ބުނެލިއެވެ.

"ވަރަށް ކެތްކޮށްފިން އެއްޗެއް ނުބުނަން. މަށަކަށް ހިއެއްނުވޭ ތިއުޅެނީ ބައްޔެއްވެގެން ހެނެއް. އެހާ ބަލިވެ ކޮޓަރިން ނުނިކުމެވޭވަރުވެފަ އިން މީހެއް ގައިގަ ތިހާ ބާރެއް ނުހުންނާނެ. އެހެންވީމަ ތިކުރި ހަޑި އަހަރެން ސާފުކުރާނެ ކަމަށް ނުހުރެ އަމިއްލައަށް ސާފުކުރޭ" އަނުމް ހިނގައިގަތެވެ.

"އެޗްޕީއޭ މީހުން އަންނަންވާއިރަށް ތަންސާފުކޮށްފަ ދާތި އިނގޭ" ކޮޓަރިން ނިކުމެފައި ވެސް ދޮރުހުޅުވާލާފައި އަނުމް ބުނެލިއެވެ.

ފަލަކްނާޒް އަރައިގަތް ރުޅިން އެނދުގައި އިށީނެވެ. ކުރެވުނު ކަންތަކާ ދެރަވެއްޖެއެވެ.

ގޭތެރެއަށް ވަންގޮތަށް ޝާނިމް މިސްރާބުޖެހީ ގެސްޓްރޫމާއި ދިމާލަށެވެ. އަމާޔާއަށް ޖެހުނީ އޭނާގެ ދަބަހާއި ޝާނިމްގެ ދަބަސް އެކުގައި ހިފައިގެން މައްޗަށް އަރާށެވެ. ކޮޓަރިއަށް ވަންގޮތަށް ކާޕެޓް މައްޗަށް ފޮށިތައް ދޫކޮށްލާފައި އަމާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކު ވަރުބަލި ފިލުވާލަން އޮތުމަށްފަހު އަމާޔާ ފުންމައިގެން ތެދުވިއެވެ. އެނދުން ތެދުވެ ދެފައި ވަށްކޮށްލައިގެން ތިރީގައި އިށީނެވެ. އޭނާގެ ދަބަސް ހުޅުވާލާފައި މަތިޖެހި ކުޑަ ދަޅެއް ނެގިއެވެ. އެއީ ޝާނިމްގެ މަންމަ އާވާއަށް ހަދިޔާއަކަށް ދިން ކުދިގުޅަ ދަޅެކެވެ.

ކޮޓަރިން ނިކުތްގޮތަށް އަމާޔާ މިސްރާބުޖެހީ އާވާގެ ކޮޓަރިއާއި ދިމާލަށެވެ. ކެތްތެރިކަމެއްނެތި އުފާވެރި ހިނިތުންވުމަކާއެކު ޓަކިޖަހަން ފެށިއެވެ. މާގިނައިރެއް ނުވެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އާވާ ނޫންކަން އިނގުމުން އަމާޔާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ހުރި ނައިޝީ ހީލުމާއެކު އަމާޔާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އެމޫނު އޭނާ ހަނދާންވެއްޖެއެވެ. އަމާޔާ އަނގަ ހުޅުވިގެން ދިޔައީ އެއީ ކާކު އިނގުމުންނެވެ. ލައިގެން ހުރީ އާވާގެ ހެދުމެއްކަން އިނގުމުން ލިބުނު ޚާއިރާންކަން އިތުރުވިއެވެ.

"ނާދިޔާ…." އަމާޔާ މަޑުމަޑުން ކިޔައިލިއެވެ.

"އަމާޔާ… އާދޭ އެތެރެއަށް… މާހިލް ނުވެސްބުނޭ ތިމީހުން މިއަދު އަންނަ ވާހަކަ. ނަސީބެއްނު އައިކަން. އަހަރެން މިއުޅެނީ މިއަދު އަދި ފޫހިވާނެވަރު ހިތަށް އަރާފަ" އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނައްޓުވާލާ އިސްތަށިގަނޑު ފެން ފުހެމުން ނައިޝީ ވާހަކަދެއްކިއެވެ.

"ނާދިޔާ… މިގޭގަ… މިކޮޓަރީގަ… ކޮބާ އެވީ…. ކިހިނެއްމިވަނީ..؟" އަމާޔާ ވާހަކަދެއްކިއެވެ.

"އޭނައެއް މިހާރު މިގެއަކު ނޫޅޭ. މިހާރު ތިބީ އަހަރެމެން ދެމީހުން. މާހިލް އޭނަ މިގެއިން ނެރެލައިފި. އެއީ އެހާ ރަނގަޅު ކުއްޖެއްނޫން" ނާދިޔާ ވާހަކަދެއްކިއެވެ.

"މައުސޫމް މޫނެއްގެ ފަހަތުގައި ހުރި ޝާއިތާނެއް" ނައިޝީ ބުނެލިއެވެ.

"ނުވާނެ ތިހެނެއް. އެވީއަކީ ތިބުނާ ކަހަލަ ކުއްޖެއްނޫން….މިއީ ވަރަށް ބޮޑު ނުބައެއް… އަހަރެންނަށް އަދިވެސް ޤަބޫލެއްނުކުރެވޭ… ނާދިޔާ މޫނު ބުރުގާ އަޅައިގެން ހުރެ އެވަރަށް މިގެއަށް އައިސް އެވީ އާ ބައްދަލުކުރުމާއި، މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އެވީ މިގެއިން ދިޔުމާއި، އަދި އެވެސް މާހިލްގެ ކޮޓަރީގަ…" އަމާޔާ ވާހަކަދެއްކިއެވެ.

"ހީނުކުރާ ގޮތަށް ކިތަންމެ ކަމެއް ބަދަލުވެއްޖެ. އަމާޔާ ޤަބޫލުނުކުރިޔަސް މިހާރު ތިފެންނަނީ ޙަޤީޤަތް. މާހިލް ނުގަބޫލުގަ އަހަރެންނަށް މިގޭގަ މިކޮޓަރީގަ ހުރެވޭނެތަ؟ ބުއްދި ޤަބޫލުކުރެވޭތަ؟" ނައިޝީ ވާހަކަދެއްކިއެވެ.

"އަމާޔާ…! އަދި ވަރަށްބޮޑު ޙަޤީޤަތެއް ބުނެދެންތަ؟" އަމާޔާ އިސްއުފުލާ ނައިޝީގެ މޫނަށް ބަލައިލިއެވެ.

"އަހަރެންނަށް ކިޔަނީ ނާދިޔާއެއް ނޫން. ނައިޝީ. ނާދިޔާގެ ގޮތުގައި އަހަރެންނާ އާވާއާއި ދެމީހުން ބައްދަލުކުރުވީވެސް މާހިލް. އެއީ މާހިލްގެ ރޭވުމެއް. އަހަރެންނަކީ މާހިލްގެ އެކްސް ވައިފް…" ނައިޝީ ވާހަކަދެއްކިއެވެ.

"އޭރުވެސް މަށަށް އިނގުނު. މާހިލް އާ ކަލެއާ ދެމީހުން ރާވައިގެން އެވީ މިގެއިން ތިބޭރުކުރީ. ކަލޭމެންނަށް އެއްވެސް އުފަލެއް ނުލިބޭނެ" އަމާޔާ ދުއްވައިގަތެވެ. އޭނާ ބޭނުންވަނީ މިހާރުން މިހާރަށް ޝާނިމް އާ ބައްދަލުކުރާށެވެ.

ނައިޝީ ދެއްކި ވާހަކަތައް ވަރަށް ފަސޭހައިން އަމާޔާއަށް ޤަބޫލުކުރެވިއްޖެއެވެ. އާވާއަށް ކުރާނެ އަސަރު ހިތަށް އަރާފައި އަމާޔާގެ ހިތް ރޮއެގަތެވެ. ރޭވުމެއްގެ ތެރެއިން މައުސޫމް އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްފިއެވެ. އާވާ ހާދަ ރޯނެއެވެ. މާހިލް ހަމަ އެހާ ގޯހީ ހެއްޔެވެ؟ މޫނުމަތިން ކިތަންމެ މާތް ގޮތެއް ހުއްޓަސް މީހާގެ އެތެރެފުށެއް ނޭނގޭނެއެވެ. ނައިޝީ ބުނި ފަދައިން މާހިލް ރުހުން ލިބިގެން ނޫނީ އެހިސާބަށް ނާދެވޭނެއެވެ.

ކޮޓަރީ އެނދުގައި އިނދެ ވިސްނަމުން ދިޔަ އަމާޔާގެ ހިތުގައި މާހިލް އާ މެދު ފޫހިކަމެއް އުފެދިގެން ދިޔައެވެ. މާހިލްގެ ހިޔާވަހިކަމުގެ ދަށުގައި ހުންނަންވެސް ފޫހިވިއެވެ. އަވާ މަތިން ހިތަށް އެރުމާއެކު އޭނާގެ ހިތް ރަހުމުން ފުރިގެން ދިޔައެވެ. އަތްދަބަހުގައި އޮތް ފޯނު ނަގާފައި އާވާގެ ނަންބަރަށް ގުޅައިލިއެވެ. ދެވަނަ ސިކުންތުގައި މާޔޫސްކަމާއެކު ފޯނު ކަންފަތާއި ދުރުކޮށްލައިފިއެވެ. އެއަށްފަހު އޭނާ ގުޅީ ޝާނިމްގެ ފޯނަށެވެ.

ކިޔާން ކޮޓަރިއަށް ވަންއިރު އާވާ ހުރީ ބެލްކަނީގައެވެ. ކިޔާން ކައިރީގައި ހުރިކަން އިނގުމުން އާވާ އެނބުރި ބަލައިލިއެވެ. އެއަށްފަހު ކިޔާންއަށް ފުރަގަސްދިނެވެ.

"އަހަރެންނަށް ނޭނގެ ކިޔާންއަށް ޝައްކު ކުރެވުނީ ކީއްވެގެންކަމެއް. އަހަރެން އެކަމަށް މަޢާފަށް އެދެން" އާވާ ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މަގުމައްޗަށެވެ.

"އިޓްސް އޯކޭ.. އިނގޭ އެވީއަށް އަހަރެންގެ ކުށެއްނެތްކަން އަދި ވިސްނޭނެކަން. ވީކަމެއް އަހަރެންނަށް ނުވެސް އިނގޭ. ކޮންމެކަމެއް ވިޔަސް އަހަރެންގެ އަތެއް ނޯންނާނެ. އެވީ އަހަރެން ކައިރީގައި ވީކަމެއް ނުބުނާނަންތަ؟" ކިޔާން ވާހަކަދެއކިއެވެ.

"އަހަރެން އެވާހަކަ ދައްކަން ނެތިން. އަހަރެން ބޭނުންވަނީ އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލަން. އަހަރެންގެ ދުޢާއަކީ ކުރިކަމެއްގައި ބައިވެރިވި އެންމެން ލަހެއްފަހެއްނެތި މުޅި ދުނިޔެ ކުރިމަތީގައި ފަޟީޙަތް ކުރެއްވުން" އާވާ ވާހަކަދެއްކިއެވެ. ކިޔާންގެ ގިތް ތެޅިގަތެވެ. އާވާޣެ އެދުޢާ އިޖާބަ ނުކުރެއްވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

"ބައިދަ ވޭ… ކޮންގްރާ…" އާވާ ބުނެލިއެވެ.

"ޝުކުރިއްޔާ. އަހަރެން ބޭނުންވަނީ އަހަރެމެން ދެމީހުން ދެމެދުގައި ކުރިން އޮތް އެކުވެރިކަން އަދިވެސް ބާއްވަން. އެވީ ބޭނުމިއްޔާ" ކިޔާން ބުނެލިއެވެ.

"އަހަރެން އެއްވެސް މީހަކާ ގުޅުމެއް ނުކަނޑަން" އާވާ ބުނެލިއެވެ. ކިޔާން ބަލަހައްޓައިގެން ހުރިއިރު އިތުރު ބަހެއް ނުކިޔައެވެ.

"އަހަރެން އޮށޯވެލަން ބޭނުން. ވަރަށް ބަނޑުގައި ރިއްސާތީ މިއުޅެނީ" އާވާ ބޭނުންވިއެވެ. އާވާ ބޭނުންވަނީ ކިޔާން ފޮނުވާލަންކަން އޭނާއަށް ވިސްނުނެވެ. އޭނާ ބޭނުންވަނީ އާވާއަށް ވަގުތުދޭށެވެ. އެހެންކަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

"މާބޮޑުވަރު ވަންޏާ ވާނެ އިނގޭ ހޮސްޕިޓަލަށް ދާން" ކޮޓަރިން ނިކުންނަން ދަމުން ކިޔާން ބުނެލިއެވެ.

ޝާނިމް ކޮޓަރިއަށް ވަންއިރު އަމާޔާ ހުރީ ދެމީހުންގެ ފޮށި ތައްޔާރުކޮށްފައެވެ. ޝާނިމް އަމާޔާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟