ވެމްކޯ

އުކާލާން ބޭނުންވާ ކުނި ކޮންމެ ދުވަހެއްްގެ 12:00 އިން 2:00އަށް ބޭރަށް ނެރުމަށް ވެމްކޯއިން އެދިއްޖެ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން މާލޭ ސަރަަހައްދު ލޮކްޑައުން ކުރުމުން، ހުއްޓާލާފައި އޮތް ކުނި އުކާލުމުގެ ހިދުމަތް މިއަދުން ފެށިގެން ފަށާއިރު، އުކާލަން ބޭނުންވާ ކުނި، ކަރަންޓީން ގޭގެ ފިޔަވައި ހުރިހާ ގެއަކުން ތިރިއަށް ނެރެ ބިންމަތީގައި ބެހެއްޓުމަށް ވެމްކޯއިން އެދިއްޖެއެވެ.

ވެމްކޯގެ ހިދުމަތްތަކާބެހޭ މައުލުމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ތަފްސީލު ދެއްވަމުން ވެމްކޯގެ އޮޕަރޭޝަން މެނޭޖަރު ޝާން ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒޓިވް ވި މީހަކު މާލެއިން ފެނުމުން، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ހުއްޓާލާފައި އޮތް ކުނި އުކާލުމުގެ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން ވިޔަފާރުކުރާ ތަންތަނާއި އޮފީސްތައް ފަދަ ތަންތަނުން ކުނި އުލާކުމުގެ ހިދުމަތްތައް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކުރިއަަށް ގެންދާނެ ކަމަށާއި، ގޭގެއިން (ހައުސްހޯލްޑް)ގެ ކުނި އުކާލަމުން ގެންދާނީ މެންދުރު 12:00 އިން 2:00 އަށް ކަމަށެވެ.

ޝާން ވިދާޅުވީ ހުރިިހާ ގެއަކުންވެސް ސަލާމަތްތެރިކަމާއެކު ކުނި ނެރެންވީ ބޭރަށް މަގަށް ކަމަށެވެ.

"ޑަބަލްކޮތަޅަށް ލައިފަ ކުނި ކޮތަޅު ނެރޭނީ، ނެރޭއިރު، ކޮތަޅުގެ ހަތަރުބައިކުޅަ އެއްބަޔަށް ކުނި އެޅުމަށްފަހު ރަނގަޅަށް ކޮތަޅު ގޮށްޖަހާފަ ހުންނަންވާނީ، މިއީ ވެމްކޯގެ މުވައްޒަފުންގެ އިތުރުން މުޅި މުޖުތަމައުގެ ސަލާމަތަށް ޓަކައި ކުރާކަމެއް،" ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ، މިހާރު ކުނި އުކާލަމުންދާއިރު، ގޭގެއިން ނެރޭ ފަރުނީޗަރު އައިސްއަލަމާރިފަދަތަކެތި އުކައި ނުލެވޭނެ ކަމަށެވެ. އަދި ބިއްލޫރި ފަދަ ތޫނު އެއްޗެހި ބަހައްޓަން ޖެހޭނީ ކަރުދާސް އޮޅާލުމަށްފަހު އިތުރު ކޮތަޅަކަށް ލައިފައި ކަމަށްވެސް ވިދާޅުވިއެވެ.

ޝާން ވިދާޅުވީ މުވައްޒަފުން މަސައްކަތް ކުރާނީ، ގެއެއްގެ ތަޅުގައި ހިފަން ނުޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން ކަނޑައަޅާ ވަގުތަށް ގޭގެއިންކުނި ނެރެން ސަމާލުވުމަށް އެދިވަޑައިގެންނެވިއެވެ.