މާލޭން ފެނުނު ކޮވިޑް ޖެހިފައިވާ މީހާއާ ބައްދަލުވި މީހާއާ ބައްދަލުވި 11 މީހަކު ޓެސްޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާލޭން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިނުވާ އަދި ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި ކަމަށް ވެސް އެނގިފައެއް ނެތް މީހެއް ކަމަށެވެ.
އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އޭނާއާ ސީދާ ބައްދަލުވި މީހުން ވަނީ ދެނެގަނެވިފައިވާ ކަމަށެވެ.
"އޭނާއާ ސީދާ ބައްދަލުވި މީހުން ވަނީ ދެނެގަނެވިފައި. އަދި އޭގެ އިތުރުން ވެސް އެކިއެކި ގޮތްގޮތުން އޭނާއާ ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެޗްޕީއޭ ލަފާދީފައިވާ 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާލަތުގައި ވެސް ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށާއި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ފެނުނު ކޭސްއާ ގުޅިގެން އެޗްޕީއޭ އިން ވަނީ، އޭނާއާ ކޮންޓެކްޓުވި މީހެއް ކ. ކާށިދޫއަށް ދަތުރުކޮށްފައިވާތީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. އަދި އޭނާގެ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެން މިއަދު މެންދުރު 2:30 އިން ފެށިގެން މާލޭގައި 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތެއް އިއުލާންކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.