މާލެއަށް މިއަދު އިއުލާންކުރި ލޮކްޑައުންގެ ހާލަތުގައި ވެމްކޯގެ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެއީއޯސީ)ގެ ލަފާގެ މަތިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ މިއަދު އިއުލާނު ކުރި 24 ގަޑިއިރުގެ ލޮކްޑައުން މުއްދަތަށް ދެމިގެންދާނެ ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ދަނޑިވަޅުގައި ގޭބިސީތަކާއި ވިޔަފާރިތަކުން އުފެދޭ ކުނި ވީހާވެސް މަދުކުރުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އަދި އެކަށީގެންވާ ގޮތުގައި ކުނި ރަނގަޅަށް ބަންދު ކުރުމަށް އިލްތިމާސްކުރިއެވެ.
ވެމްކޯ އިން ބުނީ، މި ގެނެވުނު ބަދަލާއެކު އެކުންފުނީގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އަދި މި ދަނޑިވަޅުގައި ވެމްކޯގެ ހިދުމަތްތަކަށް އަންނަ ބަދަލުތައް އާންމުންނާއި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
މިއަދު މެންދުރު 2:30 އިން ފެށިގެން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެއްސަކު މާލޭން ފެނުމުންނެވެ.
އެޗްޕީއޭ އިން ބުނާ ގޮތުގައި، އެ މީހާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރެއް ކޮށްފައިނުވާ އަދި ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި ކަމަށް ވެސް އެނގިފައެއް ނެތް މީހެއް ކަމަށެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އޭގެ ތެރެއިން 11 މީހެއްގެ ސާމްޕަލް ވެސް ވަނީ ނަގައިފައެވެ.