މި ވަގުތު ގެއިން ބޭރުގައި ތިބި ހުރިހާ މީހުން 3:30 ގެ ކުރީން ގެޔަށް ވަންނަން ފުލުހުން އަންގައިފި އެވެ.
ފުލުހުން މިގޮތަށް އަންގާފައި މިވަނީ، މާލޭން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިއަދު މެންދުރު 2:30 އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައި، އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މާލެ ސިޓީއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން މިއަދު 3:39 ގެ ކުރިން ބޭރުގައި އުޅޭ އެންމެން ގެއަށް ވަންނަން އެދޭ ކަމަށެވެ.
އަދި މާލެ ސަރަހައްދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކޮށްފައިވާއިރު މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓައިލަން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން - މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.
އެހެންނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކަށް އެ ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.