ގޭގައި ތިބެގެން އެސްޓީއޯ ސުޕަމާކެޓުން ބޭނުން އެއްޗެއް ގަނެވޭނެ ކަމަށާއި ތޮއްޖެހިގެން އެއްޗެހި ގަންނަން ނުދިއުމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު އެދިވަޑައިގެންފި އެވެ.
އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓުން ގަންނަން ބޭނުން އެއްޗެހި އޮންލައިންކޮށް، އެސްޓީއޯގެ "އީސްޓޯ" މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. އަމްރު މިހެން ވިދާޅުވެފައި މިވަނީ އެތައް ބަޔަކު ތަކެތި ގަތުމަށް އެސްޓީއޯ ސުޕަމާކެޓަށް ގޮސް، އެސްޓީއޯ ސުޕަމާކެޓު ތޮއްޖެހުމުގެ ސަބަބުންނެވެ.
މީގެ އިތުރުން އެސްޓީއޯ ސުޕަމާކެޓަށް ދާ މީހުން "ގޮޅީގައި ތިއްބެވުމަަށް" އަމްރު އިރުޝާދު ދެއްވިއެވެ. އަމްރު މިހެން ވިދާޅުވެފައިވަނީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން އެސްޓީއޯ ސުޕަމާކެޓުން އަމަލު ކުރަމުން އަންނަ ކަންކަމަށް އިޝާރާތް ކުރައްވައެވެ.
އެގޮތުން އެސްޓީއޯ ސުޕަމާކެޓުގެ އެތެރޭގައި ފަހަރަކު 30 މީހުންނަށް ވުރެ ގިނަ މީހުނަށް ނުތިބެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ބޭރުގައި ކިއުގައި ތިބޭމީހުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން ތިބޭނެ ގޮޅި ފާހަގަ ކޮށްފައިވާ ފޮޓޯއެއް އަމްރު ހިއްސާ ކުރައްވާފައި ވެއެވެ.