މުނިފޫހިފިލުވުން

ލޮކްޑައުންގެ ހާލަތުގައި ޝޫޓިން ކުރާކަމަށް ބުނެ ފޭކް ފޮޓޯއެއް ލުމުން ސޮނާކްޝީ މައްސަލަ ފުލުހަށް ހުށަހަޅައިފި

ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުންގައި އިންޑިއާ އޮތް މިހާލަތުގައި، ސޮނާކްޝީ ސިންހާ ފިލްމް ޝޫޓުކުރާ ކަމަށް ދޭހަވާ ގޮތަށް ފޮޓޯއެއް ޓުވީޓުކުރުމުން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެކަން ބަލައިދިނުމަށް ސޮނާކްޝީ ފުލުހަށް ހުށަހަޅައިފި އެވެ.

ސޮނާކްޝީ ޝޫޓިންގައި އުޅޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ފޮޓޯ ޓުވީޓުކޮށްފައި ވަނީ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ވިވެކް އަގްނިހޯތުރީ އެވެ.

"މި ފަދަ ހާލަތެއްގައި ޝޫޓު ކުރަނީ ކާކު؟" މި ކެޕްޝަނާ އެކު ވިވެކް ކޮށްފައިވާ ޓުވީޓުގައި ހިމަނާފައި ވަނީ ސޮނާކްޝީ ފިލްމް ޝޫޓްކުރާ ސެޓެއްގެ ސައިޓަކަށް ވަންނަ ފޮޓޯ އެކެވެ.

މި ކަމާ ނުރުހުން ފާޅުކޮށް، ސޮނާކްޝީ ބުނި ގޮތުގައި، ވިވެކްގެ ޓުވީޓުގައި ހިމަނާފައިވާ އެ ފޮޓޯއަކީ މިދިޔަ އަހަރު ފަރުހާން ގެ "ބެކްބެންޗާސް" ޗެޓް ޝޯއަށް ދިޔަ ދުވަހު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. ވިވެކް ފަދަ އިންޑަސްޓްރީގެ ސީނިއަރު މީހުންނަށް މިފަދަ ތުހުމަތުގެ ތަކުގެ ސީރިއަސްކަން އެނގެން ޖެހޭނެ ކަމަށް ސޮނާކްޝީ ވަނީ ބުނެފަ އެވެ.

"ޑައިރެކްޓަރެއްގެ އިތުރުން ފިލްމު ޔޫނިއަންތަކުގައި ހިމެނޭ މީހަކަށް ވާ އިރު މި ހާލަތުގައި އެއްވެސް މީހަކު ޝޫޓިންގައި ނޫޅޭކަން، އަދި ގައުމު މި އޮތީ ލޮކްޑައުންގައި ކަމާއި ސްޓޫޑިއޯތައް ވެސް ހުރީ ބަންދުކޮށްފައިކަން ވިވެކަށް އެނގެން ޖެހޭނެ. މި ފޮޓޯއަކީ ކުރީގެ ފޮޓޯއެއްކަން މާ ރަނގަޅަށް ވެސް އެނގޭ." ސޮނާކްޝީ ބުނެފައިވެ އެވެ.

މުމްބާއީ ޕޮލިސް އަދި މަހާރާޝްތުރާ ޗީފް މިނިސްޓަރު ޓެގްކޮށް، ސޮނާކްޝީ ކުރި އެހެން ޓުވީޓެއްގައި ވަނީ، މިފަދަ ފޭކް ހަބަރުތައް ފެތުރުން ހުއްޓޭނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.

ސޮނާކްޝީގެ ޓުވީޓަށް ވިވެކްވެސް ވަނީ ޖަވާބު ދީފަ އެވެ. ވިވެކް ބުނެފައި ވަނީ އޭނާގެ ޓުވީޓުގައި ސޮނާކްޝީ ކޮވިޑްގެ 19 ގެ ހާލަތުގައި ޝޫޓިންއަށް ދިޔަ ކަމަށް ލިޔެފައި ނުވާނެ ކަމަށާއި ތުހުމަތެއް ވެސް ކޮށްފައި ނުވާނެ ކަމަށެވެ.