ޚަބަރު

ކުދިންނަށް ދިވެހި ބަހުން ވާހަކަދައްކަން ފުރުސަތުދީ އެކުދިންގެ ޝުއޫރު އަޑުއެހުމަކީ މުހިއްމު ކަމެއް: މިނިސްޓަރު ޔުމްނާ

އައިދާ އަބްދުލް ހަކީމް

ކުދިންނަށް ދިވެހި ބަހުން ވާހަކަ ދައްކަން ފުރުސަތުދީ އެކުދިން ދައްކާ ވާހަކަ ބެލެނިވެރިން ސަމާލުކަންދީގެން އަޑުއެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދޭ "ފަސޭހަ ދިވެހި" ޕްރޮގްމުގައި މިއަދު ވާހަކަވަމުންނެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ އެންމެ ކުޑައިރުން ފެށިގެން ދަރިންނާ ދިވެހިބަހުން މުއާމަލާތް ކުރުމާއި ވާހަކަ ކިޔައިދިނުމާއި ގިނައިން ފޮތް ކިޔައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުމީ ހަމައެކަނި ބެލެނިވެރިން ވާހަކަދެއްކުމުގެ އިތުރުން ކުދިންނަށް ދިވެހި ބަހުން ވާހަކަދައްކަން ފުރުސަތު ދެއްވާށޭ. ކުދިންގެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދެއްވާށޭ." ޔުމްނާ ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން އިޖްތިމާއީ އަދި ޖިސްމާނީ ގައިދުރުކަމުގައި ގޭގައި ހުރިހާ އެންމެން ވެސް ތިބޭއިރު ވަގުތުގެ ބޭނުން ކުރުމުގެ ގޮތުން

ކުދިން ލައްވައި ގިނައިން ދިވެހިން ވާހަކަދައްކުވައި ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތައް ކިޔުއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ ދަރިންނާއި ދިވެހި ބަހުން މުއާމަލާތު ކުރާ ކަމުގައި ވާނަމަ އެކުދިން ބަހަށް ހުންނަ ޝައުގުވެރިކަން އިތުރުވާނެ ކަމަށާއި އަދި ބަހުގެ ތެރެއިން ދިވެހިންނާ ގުޅުންހުރި ގިނަކަންތައްތަކެއް އެކުދިންނަށް ދަސްވެގެންދާނެ ކަމަށެވެ.

"ހަގީގަތުގައި ބެލެނިވެރިން ދަރިންނާއި ދިވެހި ބަހުން މުއާމަލާތު ކުރާ ކަމުގައި ވާނަމަ އެކުދިން ބަހަށް ހުންނަ ޝައުގުވެރިކަން އިތުރުވާނެ. އަދި ބަހުގެ ތެރެއިން އެކުދިންނަށް ދަސްވެގެންދާނެ ދިވެހި މުޖުތަމައުގެ އެކިއެކި ކަންތައްތައް. ތާރީހު، އަޅުގަނޑުމެންގެ ސަގާފަތް، އަޅުގަނޑުމެންގެ ދިރިއުޅުން، އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅެމުން އައިގޮތް." ޔުމްނާ ވިދާޅުވިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދިވެހިބަހުގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ "ފޮތް ކިޔުމާއި މުއާމަލާތުކުރުން، އިސްކަން ދިވެހި ބަހަށް" އެވެ. މި ޝިއާރު ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ކިޔުމާއި ދިވެހި ބަހުން މުއާމަލާތު ކުރުމަށެވެ.