ފީޗާރޑް

ގައުމީ އެއާލައިން އަށް 20 އަހަރު، އުންމީދާއެކު އަދިވެސް އުސްމިންތަކަށް

އަލީ ޔާމިން

ރާއްޖޭގައި އުފެއްދި ފުރަތަމަ އެއާލައިން އެއާ މޯލްޑިވްސް 26 އަހަރު ހިންގިއެވެ. ގައުމީ ފުލެގް ކްރިއާގެ ގޮތުގައި ގައުމީ ދިދައިގެ ފަހުރުވެރި ތިން ކުލައިން 14 މަންޒިލަކަށް ރޮނގު އެޅިއެވެ. އެތެރޭގެ އުދުހުންތަކާއެކު ދުނިޔޭގެ ހުޅަނގާއި އިރަށް ފަހުރުވެރިކަމާއެކު އުދުހުނެވެ. ނަމަވެސް 2000 ވަނަ އަހަރު އެއާލައިން ކުއްލިއަކަށް ބަނގުރޫޓުވެ ހުއްޓާލަން ޖެހުނެވެ.

އެއާ މޯލްޑިވްސް ނެތްތަން ފޫބައްދަން ދެން ވުޖޫދުވީ މިއަދު ދިވެހިންގެ ގައުމީ އެއާލައިން، މޯލްޑިވިއަނެވެ. އޭޕްރިލް 13، 2000 ވަނަ އަހަރު ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެއާލައިނެއްގެ ގޮތުގައި އުފައްދައި، މޯލްޑިވިއަން އުދުހޭތާ މިއަދަށް މިވީ 20 އަހަރެވެ.

ދެ ފްލައިޓާއެކު ފެށި އެއާލައިންގެ ފިޔަގަނޑުގެ ދަށުގައި 23 ފްލައިޓު

އެންމެ ދެ ފުލައިޓާއެކު މޯލްޑިވިއަންގެ ހިދުމަތް ފަށައިގެން ނަމަވެސް މިވީ 20 އަހަރުގެ ކުރު މުއްދަތުގައި އެ އެއާލައިނުން ވަނީ ގިނަ އުސްމިންތަކަށް ވާސިލުވެފައެވެ. އެ އެއާލައިންގެ ފުލީޓަށާއި ދަތުރުކުރާ މަންޒިލްތަކުގެ އަދަދުން އެކަން ސާބިތުކޮށްދެއެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 12 ސަރަހައްދީ އެއާޕޯޓަކަށް އުދުހެމުންދާއިރު އެ އެއާލައިންގެ ސީޕްލޭންގެ ހިދުމަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ހިދުމަތަކަށް ވަނީ ވެފައެވެ.

މޯލްޑިވިއަން އަށް ރާއްޖޭން ބޭރަށް ދަތުރުތައް ކުރުމުގެ ހުއްދަ ލިބުނީ 25 ޖަނަވަރީ 2008 ގައެވެ. އިންޑިއާގެ ޓުރިވަނަންތަޕޫރަމަށް ފެށި ބައިނަލްއަގުވާމީ ދަތުރުތައް މިއަދު އިތުރުކޮށް ރާއްޖޭން ބޭރުގެ ފަސް މަންޒިލަކަށް މޯލްޑިވިއަނުން މިއަދު ދަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

މި ދަތުރުތައް ކުރުމަށް މޯލްޑިވިއަންގެ ފުލީޓުގައި މިވަގުތު 23 ފުލައިޓް އެބައޮތެވެ. އެއީ އެއާބަސްގެ ދެ ފްލައިޓާއި ޑޭސް އަށެއްގެ އަށް ފްލައިޓާއި ޑޭސް ދޭއްގެ ދެ ފުލައިޓް އަދި ސީޕްލޭންގެ ދަތުރުތަކަށް ބޭނުންކުރާ ޓުވިން އޮޓާ އެއާކުރާފްޓުގެ 13 ފްލައިޓެވެ.

ކޮވިޑް 19 އާއެކު ވެސް ދިވެހިންނަށް ގެނެސްދިނީ އުންމީދު

ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ކޮވިޑް 19ގެ ވަބާގެ އަސަރު ރާއްޖެއަށް ވެސް މިވަނީ ކުރިމަތިވެފައެވެ. ރާއްޖެއަށް ބިދޭސީން އެތެރެވުން މަނާކުރުމުން، ރިސޯޓުތަކުގެ ހިންގުން މިވަނީ ހުއްޓިފައެވެ. ވައިގެ ދަތުރުތައް ހުއްޓާލުމާއެކު ރާއްޖޭން ބޭރުގައި ތިބި އެތައް ދިވެއްސަކު ރާއްޖެ ނާދެވި އެގައުމުތަކުގައި ތިބީ ތާށިވެފައެވެ.

މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ބަޔަކު ހަރަކާތްތެރިވަމުންދާއިރު މޯލްޑިވިއަންއާ އެ އެއާލައިންގެ ކުރޫންނަށް ވެސް ހިމެނެއެވެ. ހާއްސަކޮށް މޯލްޑިވިއަން ވެފައިވަނީ ރާއްޖޭން ބޭރުގައި ތާށިވެފައި ތިބި ދިވެހިންނަށް ލިބުނު އުންމީދެކެވެ.

އެގޮތުން މޯލްޑިވިއަންގެ ހާއްސަ ފްލައިޓުތަކެއްގައި ބައެއް ގައުމުތަކުގައި ތިބި ދިވެހިން މިވަނީ ރާއްޖެ ގެނެސްދީފައެވެ. އަދި ރާއްޖޭގައި ތާށިވެފައި ތިބި ބިދޭސީން އެމީހުންގެ ގައުމުތަކަށް ގެންގޮސްދިނުމުގައި ވެސް މޯލްޑިވިއަނުން ގެންދަނީ ހާއްސަ ފްލައިޓުތަކެއް ބާއްވަމުންނެވެ.

އޭގެ އިތުރުން ވެސް ރާއްޖެ ނާދެވި ތިބި ދިވެހިންނަށް ރާއްޖޭގައި ތިބި އާއިލާތަކުން ފޮނުވާ އެހީ ގެންގޮސްދިނުމާއި ބައެއް ގައުމުތަކުން ރާއްޖެއަށް ބޭނުންވާ މުދާ ގެނެސްދެނީ ވެސް މޯލްޑިވިއަނުންނެވެ.

މި ހުރިހާ ދަތުރަކީ ވެސް ގެއްލުމުގައިކުރާ ދަތުރުތަކެއް ނަމަވެސް މޯލްޑިވިއަނުން ބުނީ، ގައުމީ ހިދުމަތުގައި ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.