ޚަބަރު

ޖެނުއަރީ މަހަށްވުރެ ފެބްރުއަރީ އަދި މާޗުގައި ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ދަށް: އެޗްޕީއޭ

މަރިޔަމް ޝަހުދާ

ޖެނުއަރީ މަހަށް ވުރެ ފެބްރުއަރީ އަދި މާޗުގައި ރޯގާގެ ގޮތުގައި ފެތުރެމުންދާ އެކި ބަލިތައް ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެ(ޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހު ޑެންގީ ޖެހިގެން 70 މީހުން ރިޕޯޓު ކޮށްފައިވާއިރު، ފެބްރުއަރީ މަހު އެ އަދަދު 43 އަކަށް ދަށް ވެފައިވާ ކަމަށެވެ. އަދި މާޗް މަހު އެއަދަދު 40 އަށް ދަށް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޖެނުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 22،414 މީހަކު ރިޕޯޓު ކޮށްފައިވާއިރު މި އަދަދު ފެބްރުއަރީ މަހު 19،633 އަށް ދަށް ވެފައިވާ ކަމަށާއި އަދި މާޗް މަހު މި އަދަދު 16،994 އަށް ދަށްވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ބޭރަށް ހިންގައި ހޮޑުލެވޭތީ ޖެނުއަރީ މަހު 4366 މީހަކު ރިޕޯޓު ކޮށްފައިވާއިރު، މި އަދަދު ފެބްރުއަރީ މަހު 1656 އަށް ދަށްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މާޗް މަހު މި އަދަދު ވަނީ 1214 އަށް ދަށް ވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މަދިރީގެ ޒަރީއާ އިން ފެތުރޭ ބަލިތައް މިދުވަސްވަރު މަދުކަމުގައި ވީ ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.