ޚަބަރު

ޑްރަގް ކޯޓުގެ އަމުރު ހަވާލުކުރުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާއި ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ހިދުމަތާއި އެހެނިހެން ބައެއް ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެކޯޓުން ބުނީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މި ޕޯޓަލް ފަރުމާކޮށް ޑިވްލޮޕް ކޮށްފައި ވަނީ މޯލްޑިވްސް ކޮމްޕިއުޓާ ސޮސައިޓީގެ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުންކަމަށްވެސް އެކޯޓުން ވަނީ ބުނެފައެވެ.

މިޕޯޓަލްގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓު އަމުރު ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި ޕޯޓަލްގައި ރަޖިސްޓްރިވެފައިވާ މީހުންނަށް އަމުރެއް ނެރޭ ވަގުތުން އެ މީހަކަށް އެސްއެމްއެސް އެލާޓް ނޮޓިފިކޭޝަން ލިބޭނެ ކަމަށް ވެސް އެކޯޓުން ވަނީ ބުނެފައެވެ.