އުރީދޫގެ އީ-ވޮލެޓް ހިދުމަތް ކަމަށްވާ "އެމްފައިސާ" ބޭނުންކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ.
އިއްޔެ ތައާރަފުކުރި އެ ނިޒާމުގެ އެހީގައި އުރީދޫ އެމްފައިސާ މެދުވެރިކޮށް ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރެއިން އެޕޮއިންޓްމަންޓް ހެއްދެވުން، އޯޕީޑީގެ ޚިދުމަތްތައް، އަދި ބޭސްފަރުވާއަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ.
އިއްޔެ އުރީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ޓްރީ ޓޮޕާއެކު މި ގާއިމް ކުރެވުނު ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން އުރީދޫން މަސައްކަތް ކުރަމުން ގެންދަނީ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް އާންމުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫން އެމްފައިސާގެ ހިދުމަތް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެއީ ސްމާޓްފޯން ބޭނުންކޮށްގެން ފައިސާ ދެއްކުމަށް އުރީދޫން ތައާރަފުކޮށްފައިވާ ހިދުމަތެކެވެ.