މިނިސްޓަރު ޒަހާ ވަހީދު

މަސްވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ފޮނުވާފައި: ޒަހާ

އިބްރާހިމް ޒަކީ

މަސްވެރިކަން ކުރިއެރުވުމަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މަސްވެރިކަމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޮޑިދޯނިފަހަރަށް ބޭނުންވާ ސާމާނުން ޑިއުޓީ ކަނޑާލުމަށް ޓެކްސް ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ފޮނުވާފައިވާ ކަމަށާއި، އެ އިސްލާހުތައް މިހާރުވީ ރައީސް އޮފީހުގައި ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ އިސްލާހުތައް ފާސްވުމުން އެލުއިތައް ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާހު ގެނައުމުގެ އެ މަސައްކަތް މިހާރު އޮތް ހިސާބެއް ބެއްލެވުމަށްފަހު އެކަމާބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.

މަސްވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން މިއަހަރުގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުޅެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ މަސްވެރިންގެ ޝަކުވާތަކަށްވެސް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.

އެގޮތުން މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.