Close
ޚަބަރު

ބިދޭސީން ބައިތިއްބާ ތަންތަނާ ގުޅޭ އުސޫލެއް އެކުލަވާލައި، ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅަން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާ ދޭފަރާތުން 'އެކަމަޑޭޝަން' ހަމަޖައްސައިދިނުމުގެ އުސޫލެއް އެކުލަވާލައި އެ އުސޫލާ ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނީ ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާ ދޭފަރާތުން 'އެކަމަޑޭޝަން' ހަމަޖައްސައިދިނުމުގެ އުސޫލު އާއްމުކޮށް ގެޒެޓު ކޮށްފައިވާ ކަމަށެވެ.

ވަޒީފާ ދޭ ފަރާތުން ބިދޭސީ މަސައްކަތްތެރީން ބައިތިއްބަން ޖެހޭނީ އެ އުސޫލުގައިވާ މިންގަނޑުތަކަށް ފެތޭ ތަންތަނުގައި ކަމަށާއި އެ އުސޫލަށް އަމަލުކުރަން ފަށާނީ އެ އުސޫލު އިއުލާން ކުރާ ދުވަހުން ފެށިގެން 6 މަސް ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން އަންނަ އޮޓޯބަރު މަހުން ފެށިގެން ބިދޭސީ މުވައްޒަފުންނަށް ދިބޭ ތަންތަނުގެ އިންތިޒާމު އެމިންގަނޑަށް ފައްތަން ޖެހޭނެއެވެ.

މިންގަނޑުތަކާ އެއްގޮތަށް ނުހުންނަ ތަންތަނުގައި ބިދޭސީން ބައިތިއްބާ ފަރާތްތަކާމެދު އެ އުސޫލުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީން ބޭތިއްބުމަށް ވަޒީފާ ދޭފަރާތުން 'އެކަމަޑޭޝަން' ހަމަޖައްސައިދިނުމުގެ އުސޫލު: http://gazette.gov.mv/iulaan/view/129902