ޚަބަރު

ރާއްޖޭގައި ތިބި ސައުތު އެފްރިކާ އާއި މޮރިޝަސްގެ ރައްޔިތުން މޯލްޑިވިއަންގައި ގައުމަށް ގެންގޮސްދީފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ތިބި ސައުތު އެފްރިކާ އާއި މޮރިޝަސްގެ ރައްޔިތުން މޯލްޑިވިއަންގެ ޗާޓަރު ފުލައިޓެއްގައި އެމީހުންގެ ގައުމަށް ގެންގޮސްދީފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރާއްޖެ އައުމަށް ފަހު، ކޮވިޑް 19 ގެ ސަބަބުން ނުފުރި ތިބި ސައުތު އެފްރިކާގެ 40 މީހުންނާއި މޮރިޝަސް ގެ 11 މީހަކު އެ ދަތުރުގައި ގެންގޮސްފައިވާ ކަމަށެވެ.

އެމީހުން ގައުމަށް އަނބުރާ ގެންގޮސްދިން ކަމަށްޓަކައި ރާއްޖެއިން ސައުތު އެފްރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް މުހައްމަދު އަލީ ވަނީ ރާއްޖޭގެ ސަރުކާރަށާއި މޯލްޑިވިއަން އަށް ޝުކުރު އަދާކުރައްވާފަ އެވެ.

މޯލްޑިވިއަނުން އަންނަނީ ރާއްޖޭން ބޭރުގައި ނާދެވިފައި ތިބި ދިވެހީން ރާއްޖެ ގެނައުމަށް ވެސް ގިނަ ދަތުރުތަކެއް ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް ވެސް އެތައް ސަތޭކަ ދިވެހީންނެއް ވަނީ ގެނެސްފަ އެވެ. އަދި ހަމަ އެހެންމެ ރާއްޖޭން ނުފުރި ތިބި ބޭރު މީހުންވެސް ގެންގޮސްދިނުމުގައި މޯލްޑިވިއަނުން އަންނަނީ އެހީތެރިވަމުންނެވެ.