މާލޭ ސަރަހައްދަށް އިއުލާންކޮށްފައިވާ ކާފިއު އިއްޔެ އުވާލުމާއެކު އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ ދަތުރުފަތުރުކުރުމުގެ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ބަދަލުކޮށްފިއެވެ.
ކާފިއުއާ ގުޅިގެން އެމްޓީސީސީން ވަނީ ވިލިމާލެއަށް ޝެޑިއުލް ކުރާ އެންމެ ފަހު ފެރީ ދަތުރުކުރާނެ ވަގުތަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިމަހުގެ އަށްވަނަ ދުވަހު އެމްޓީސީސީން ބުނީ ކާފިއު ވަގުތުގެ ކުރިން ބާއްވާ އެންމެ ފަހު ފެރީ އޮންނާނީ ހަވީރު 4:20 ގައި ކަމަށެވެ.
މީގެ އިތުރުން ކާފިއުއާއެކު އެމްޓީސީސީން ވަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ބަހުގެ ހިދުމަތްތައް ވެސް ހަވީރު 4:30ގެ ކުރިން ނިމޭނެ ގޮތަށް ހަމަޖައްސައިފައެވެ. އަދި އެއާޕޯޓަށް ދަތުރުކުރާ ބަހުގެ ހިދުމަތްވެސް މެންދުރު 1:00 އިން ހަވީރު 5:00 އަށްވެސް މެދުކަނޑާލިއެވެ.
ނަމަވެސް އެމްޓީސީސީން ރޭ ބުނީ މިއަދުން ފެށިގެން، އެއާޕޯޓަށް ދަތުރުކުރާ ބަހުގެ ހިދުމަތް ދަންވަރު 12:30 އިން ފަތިހު 5:00 ނޫން އެހެން ހުރިހާ ގަޑިތަކެއްގައި ލިބޭނެ ކަމަށެވެ. އަދި އެހެން ހިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.