މޯލްޑިވްސް އިމިގްރޭޝަން

ބިދޭސީންއަތުގައި ބޯޑާކޮންޓްރޯލްގެ ލޮގިން އޮތްކަމަށް ވިދާޅުވެ މޫސަ ދައްކަވަނީ ހަގީގަތާހިލާފު ވާހަކައެއް: ހަލީލު

އިބްރާހިމް ޒަކީ

އިމިގްރޭޝަންގެ ސިސްޓަމް (ބޯޑާ ކޮންޓްރޯލް) އަށް ލޮގިިން ވެވޭ ޕާސްވޯޑް 60 މީހެއްގެ އަތުގައި އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ދައްކަވާފައިވާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެކަމާބެހޭގޮތުން ލިބިވަޑައިގެންފައިވާ މައުލޫމާތަށް ރިއާޔަތް ކުރައްވައި މޫސަ ވިދާޅުވީ، އެ ޕާސްވޯޑް އޮތް މީހުންގެ ތެރޭގައި ބަންގްލަދޭސް މީހުންވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެކަން ކުރިބަޔަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ.

"ރާއްޖެއަށް ބިދޭސީން އެތެރެވުމަށް ބޭނުންކުރާ އިމިގްރޭޝަން ސިސްޓަމް އަށް ލޮގިން ވެވޭ ޕާސްވޯޑު، ފަސްދޮޅަސް މީހެއްގެ އަތުގަ އޮތްކަމަވޭ، އެމީހުންގެތެރޭގަައި ބަންގްލަދޭސް މީހުންވެސް ތިބިކަމަށްވޭ އެހެންކަމަށްވާނަމަ އެކަން ކުރިބަޔަކާ މެދު ފިޔަވަޅު އަޅަން ޖެހޭ،" މޫސަ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ އެއީ ބޯޑާކޮންޓްރޯލްސިސްޓަމް ކަމަށެވެ.

މިކަމާގުޅިގެން ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ސްޕޯކްސްޕާސަން ހަސަން ހަލީލް ވިދާޅުވީ، މޫސަގެ ޓުވީޓްގައި ވިދާޅުވެފައިވާ "އިމިގްރޭޝަން ސިސްޓަމް" ކިޔާ ސިސްޓަމެއް ނޯންނާނެ ކަމަށާއި، އަދި ބޯޑާކޮންޓްރޯލް ސިސްޓަމްގެ ޕާސްވޯޑް އިމިގްރޭޝަންގެ ކަމާބެހޭ ފަރާތްތައް ފިޔަވައި އެހެންފަރާތެއްގެ އަތުގައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ބޯޑާކޮންޓްރޯލް ސިސްޓަމަކީ، ބޭނުން ތަނަކުން ލޮގިން ވެވޭ ސިސްޓަމެއްނޫން ކަމަށާއި، އިމިގްރޭޝަންގެ ތެރެއިންނޫން ގޮތަކަށް އެސިސްޓަމަށް ލޮގިިން ނުވެވޭނެކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

"ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ، ރާއްޖެއަށް މީހުން އެތެރެވާ ސިސްޓަމް، އެއީ ކޮންމެ ކޮންމެ ތަނަކުން ލޮގިންވެވޭ ސިސްޓަމެއް ނޫން، ޕާސްވޯޑް އޮންނަ އިމިގްރޭޝަން އޮފިސަރަކަށް އޭނަގެ ގެއިންވެސް އެ ސިސްޓަމަކަށް ނުވަދެވޭނެ. އެ ސިސްޓަމަށް ވަދެވޭނީ އިމިގްރޭޝަން ތެރެއިން، އަދި އެ ޕާސްވޯޑް އޮންނަ މީހަކު އެހެން މީހަކަށް ދިނަސް އެ ސިސްޓަކަމަށް ނުވަދެވޭނެ" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، ރާއްޖެއަށް އެކި ކަންކަމު، ބިދޭސީން ގެނައުމުގެ ހުއްދައަށް އެޕްލައިކުރާ އޮންލައިން ސިސްޓަމެއް އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކަމަށެވެ.

ނަމަވެސް އެއީވެސް ބިދޭސީންނަށް އެކައުންޓް ހުޅުވޭ ހިދުމަތެއްނޫން ކަމަށާއި، ނަމަވެސް އެކިއެކި މަސައްކަތްތެރިންނަށް ބިދޭސީިން ގެނައުމަށްޓަކައި، ހުއްދަ ހޯދުމަށް ކުންފުނިތަކާއި، އަމިއްލަ މީހުންނަށްވެސް އެސިސްޓަމްގެ ތެރެއިން އެކައުންޓް ހުޅުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އެކައުންޓަށް ލޮގިން ވެވޭނީވެސް ރަޖިސްޓްރީ ކުރުމަށްފަހު، އިމިގްރޭޝަނަށް ގޮސް ވެރިފައިކުރުމުން ކަމަަށް ހަލީލު ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، މީގެކުރިން އިމިގްރޭޝަނުން ބެލިބެލުން ތަކުގައި އޭގެ ބައެއްް އެކައުންޓުތަކުގެ ޕާސްވޯޑް ބައެއް ފަރާތްތަކުން ބިދޭސީންނަށް ދީފައިވާކަން ފާހަަގަ ކުރެވުނު ކަމަށެވެ. އަދި އެއީ ޖިނާއީ ތަހުގީގު ހިންގޭނެ ކަމެއް ކަމަށާއި ފުލުހުންނަށް ހުށަހެޅުމުން އެކަން ކުރިއަށްދާނެ ކަމަަށް ވިދާޅުވިއެވެ.

ނަމަވެސް ހަލީލް ވިދާޅުވީ މިހާރު އެ މަސައްކަތަކީ އިމިގްރޭޝަނުން ކުރާ މަސައްކަތެއްވެސްނޫން ކަމަށެވެ. މިހާރު އެކަން ކުރަނީ އިކޮނިމިކް މިނިސްޓްރީން ކަމަށް ހަލީލު ވިދާޅުވިއެވެ.