ޚަބަރު

ރަށްތަކުން ދަނޑުވެރިކަމަށް ބިން ދޫކުރާނެ އުސޫލެއް ކަނޑައަޅަން ހުށަހަޅައިފި

އަލީ ޔާމިން

2

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާއިރު އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުން ކައުންސިލްތައް މެދުވެރިކޮށް ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅާފައިވަނީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާން އެވެ. އެ ކޮމިޓީއަށް މެންބަރު ފިރުޝާން ހުށަހެޅުއްވި ލިޔުމުގައި ބުނެފައިވަނީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އައިސް އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، އެ ފަރާތްތަކަށް އާމްދަނީ ހޯދައިދިނުމުގެ މަގު ފަހިކުރުމުގެ ގޮތުން ބިން ދޫކުރެވެން ހުރި ހުރިހާ ރަށަކުން ދަނޑުވެރިކަމަށް ބިން ދޫކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރަށްރަށުގެ އިހްތިސާސްގައިވާ ފަޅުން، ފަޅުގޮވާންކޮށް ހުއިފިލަނޑާއާއި އެހެނިހެން ފަރުމަސްވެރިކަމަށް ހުޅުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ފިރުޝާން ވަނީ މިހާރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރޭތޯ ބެލުމާއި، އެރަށްރަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމަށް ބާރުއެޅުމުގެ އިތުރުން ދަނޑުތަކުގައި ހައްދާ ތަކެތި ފަސޭހަކަމާއެކު އެސްޓީއޯ މެދުވެރިކޮށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ހުށަހަޅާފައެވެ.

ފިރުޝާން "ވަން"އަށް ވިދާޅުވީ، އޭނާގެ މި ހުށަހެޅުންތަކުގެ ބޭނުމަކީ، އިގްތިސޯދީ ބޮޑު ލޮޅުމެއް އައިސްފައިވާއިރު ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ބާރުއެޅުމަށް ކަމަށެވެ. ފިރުޝާން ވަނީ ދަނޑުވެރިކަމަށް ބިން ދޫކުރެވެން ހުރި މިންވަރަކަށް އެކަމަށް ބިން ދޫކުރުމަށް ކައުންސިލުތަކަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑު ބޭނުންވަނީ ރަށްރަށުގައި ހުރި ބިންތައް ބޭނުންކޮށްގެން ކޮންމެ ރައްޔިތަކަށްވެސް، ވަކިން ހާއްސަކޮށް ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށްވެސް ނުވަތަ އާމްދަނީ ލިބުން މެދުކެނޑިފައިވާ މީހުންނަށްވެސް ދަނޑުވެރިކަން މެދުވެރިކޮށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ދަނޑުހެއްދުމަށް ބިން ދޫކުރެވެން އޮތް މިންވަރަކުން ކައުންސިލްތަކުން ބިން ދޫކުރުމަށް" ފިރުޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޝާން ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް ވަރަކަށް ދަނޑުވެރިކަން ނުކުރާ ކަމަށެވެ. އެހެންކަމުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރޭތޯ މިނިސްޓްރީން ބަލަން ޖެހޭކަމަށާއި އެރަށްތަކުގައި މަސައްކަތް ކުރާ މީހުންނަކީ ދިވެހީން ކަމަށް ހެދުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ފިރުޝާން ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ލިބޭނެކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށާއި އެހެންކަމުން ދަނޑުވެރިކަން ކުރެވެން އޮތް ހުރިހާ ފަރާތްތަކުންވެސް އާ ރޫހަކާއެކު މި ދުވަސްވަރު ދަނޑުވެރިކަން ކޮށްގެން ނަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

މައިގަނޑު ތިން ހުށަހެޅުމެއް ފިރުޝާން އިގްތިސޯދީ ކޮމިޓީއަށް ހުށަހެޅުއްވިއިރު، އެފަދަ ހުށަހަޅުމެއް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ނައިފަރު ދާއިރާގެ މެންބަރުން އަހްމަދު ޝިޔާމް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.