Close
ޚަބަރު

ކޮވިޑް 19 : ސަރުކާރު ބަންދުކޮށްފައި އޮންނަ ދުވަސްތަކުގައި މެޖިސްޓްރޭޓް ކޯޓުތަކުން އަމަލުކުރާނެ އުސޫލެއް ކަނޑައަޅަނީ

އަލީ ޔާމިން

ސަރުކާރު ބަންދު ދުވަސްތަކުގައި މެޖިސްޓްރޭޓް ކޯޓުތަކުން އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑީސަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އެންގުމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ނިންފައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވީނަމަވެސް ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމަކަށްވާތީ މައިގަނޑު ހަތަރު ކަމެއް ކުރުމަށް ނިންމައިފައެވެ.

އެގޮތުން ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފީ މަރުހަލާގެ ކޯޓުތަކުން މިހާލަތުގައި ޝަރީއަތްތައް ހިންގާނެ ގޮތުގެ އުސޫލުތައް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތަށް އެ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ދެންނެވުމަށް ވަނީ ނިންމައިފައެވެ. އަދި ކޯޓުތަކުން ކަނޑައަޅާ އާންމުކުރާ އުސޫލާއި އެއްގޮތަށް މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދީ އެ އިންތިޒާމުތައް ކޯޓުތަކަށް ހަމަޖައްސަވައި ދިނުމަށް ޑީޖޭއޭއަށް އެންގުމަށް ވެސް ނިންމިއެވެ.

އޭގެ އިތުރުން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި މެޖިސްޓްރޭޓް ކޯޓުތަކުން އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޑީޖޭއޭން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއެކު މަޝްވަރާކޮށް، އެކުލަވާލުމަށް ޑީޖޭއޭއަށް އެންގުމަށް ވެސް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ހަތަރު ވަނަ ކަމަކަށް ނިންމީ ޝަރީއަތްތައް ހިންގުމުގައި ކޯޓު ހުޅުވައިގެން މަސައްކަތް ކުރުމުގައި ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް އަޅައި އެ ބޭފުޅުންނަށް ރައްކާތެރި މަސައްކަތު މާހައުލެއް ނުވަތަ ޝަރީއަތުގެ މާހައުލެއް އޮންނާނެހެން ކޯޓުގެ އިދާރީ ހުރިހާ ކަމެއް ރޭވުމަށް ޑީޖޭއޭއަށް އެންގުމަށެވެ.