ކޮވިޑް 19 ގެ މި ދަނޑިވަޅުގައި ރާއްޖެއަށް އިތުރު ފަތުރުވެރިޔަކު ނައިސްފިނަމަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މައިނަސް ނުވަ ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން އިއްޔެ ކުރެއްވި ސުވާލުތަކާ ގުޅިގެން، ކޮވިޑް 19ގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތު ސިފަކުރައްވައި ގަވަރުނަރު ވިދާޅުވީ، އެކަމަށް އަޅާނެ ފިޔަވަޅުތަކެއްވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ ޖީޑީޕީ މައިނަސް ނުވަ ޕަސެންޓަށް ވެއްޓޭނެކަމަށް ލަފާކުރެއްވީ މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީ ކާރިސާގައި ރާއްޖޭގެ ޖީޑީޕީ ދަށަށް ދިޔަ މިންވަރަށް ބެލުމަށްފަހުގައި ކަމަށެވެ.
އެންބޮޑަށް އިގްތިސާދަށް އަސަރުކުރި، ސުނާމީ ކާރިސާގައި، ގާތްގަނޑަކަށް 17.7 ޕަސެންޓް ދަށަށް ދިޔަ ކަމަށާއި، ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް ދަށަށް ދިޔަކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އަންދާޒާކޮށްފައިވާ ނުވަ ޕަސެންޓަށް ދަށަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ ކަމަށެވެ. އަދި އެހާލަތުގައި ކުރަން ޖެހޭ ކަންތައްތަކަކީ މިހާރަށްވުރެވެސް ބޮޑަށް ބޭރުގެ އެހީއަށް ބަރޯސާވެ، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން މަސައްކަތްކުރުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ބޭރުގެ އެހީ ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮވިޑް19އާއި ގުޅިގެން މިއަހަރުގެ ބަޖެޓު 12 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
އެކަން ފޫބެއްދުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 30 މިލިއަން ޑޮލަރު، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު، އަދި ވޯލްޑް ބޭންކުން ވެސް އެހީ ހޯދުމަށް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.