މިވަގުތަކީ ފަރުމަސްވެރިކަން ކުރާ ފަރާތްތަކުގެ އަތުން މަސްގަނެ އެކްސްޕޯޓް ކުރެވޭނެ ގޮތެއް ސަރުކާރުން ގާއިމްކުރުން އިންތިހާއަށް މުހިއްމު ވަގުތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އަލީ ހުސެއިން މިއަދު ވިދާޅުވީ، އާއްމުކޮށް ރާއްޖޭން ބޭރުކުރަނީ ބޮޑު ކަންނެއްޔާއި، ކަޅުބިލަމަހުގެ ބާވަތްތައް އެކަނި ކަމަށެވެ.
ނަމަވެސް ފަރުމަސްވެރިކަން ކުރާ މީހުންނަކީވެސް މަދުބައެއް ނޫންކަމަށް އަލީ ހުސެއިން ފާހަގަކުރެއްވިއެވެ. އަދި އެމީހުން މަސްކިރުވަނީ ރިސޯޓްތަކަށް ކަމަށާއި، ކޮވިޑް 19 އާއި ގުޅިގެން އެފަރާތްތަކުުގެ ރިސޯޓް މާކެޓް އެކީ ގެއްލިގެންގޮސްފައިވާ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އެހެންކަމުން އަލީ ހުސެއިން ވިދާޅުވީ، އެސްޓީއޯއިން ނުވަތަ މިފްކޯއިންވެސް ފަރުމަސްވެރިކަންކުރާ މީހުން އަތުން މަސްގަނެ އެކްސްޕޯޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މަސްވެރިން ތިބީވެސް އެކަމުގެ އުއްމީދުގައި ކަމަށެވެ.
އިންޑަސްޓްރީތައް ކުރިއެރުވުމުގެ ގޮތުން، ދަނޑުވެރިކަން ކުރިއެރުވުމަށް ދަނޑުވެރިން އުފައްދާ ބާވަތްތައް ގަނެ މާކެޓް ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށާފައިވާކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ މަސްވެރިކަމަކީވެސް އެފަދަ އިންޑަސްޓްރީއެއް ކަމަށާއި، ފަރުމަސްވެރިކަމަކީ އޭގެ އެއްބައި ކަމަށެވެ. އަދި މާކެޓް ގެއްލުމުގެ ސަބަބުން ކުރާނެ ކަމެއް ނެތި، ފަރުމަހުގެ މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށްވެސް މެންބަރު އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީހުސެއިން ވިދާޅުވީ ފަރުމަހަށް ބޭރުގެ މާކެޓް ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެކަން އެންމެބޮޑަށް ކުރަން ޖެހޭ ސަބަބަކީ، ރާއްޖެއަށް ކާބޯތަކެރި އެތެރެކުރެވޭނެ މަގަކީ އެމަގު ކަމަށް ވެފައި، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެކްސްޕޯޓް އިތުރު ކުރުން މުހިއްމުވުމުން ކަމަށްވެސް ވިދާޅުވިއެވެ.