ޚަބަރު

ރިސޯޓެއްގެ ޖެޓީ މަތިން ފުންމާލި މީހާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން: އެމްއެންޑީއެފް

މަރިޔަމް ޝަހުދާ

ހޯމަ ދުވަހު ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ ޖެޓީމަތިން ފުންމާލި ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދުވެސް އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓް ގާޑުގެ ޑްރައިވަރުން އަންނަނީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ކާނި ލޯންޗުން ވެސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައިވުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބިދޭސީ މީހާ ހޯދުމަށް އަޑިއަށް ފީނައިގެން ރޭގަނޑު މަސައްކަތް ކުރި ޑައިވަރުންނަށް 32،000 ސްކޮޔާ މީޓަރު ބެލިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ފުރަތަމަ ޑައިވަށް ދިޔަ ޑައިވަރުންނަށް ބެލިފައިވަނީ 120،000 ސްކޮޔާ މީޓަރު ކަމަށާއި ދެވަނަ ޑައިވަށް ދިޔަ މީހުނަށް ބެލިފައިވަނީ 109،000 ސްކޮޔާ މީޓަރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ކަނޑުގެ ސާފޭސް ސަރަހައްދު ބަލަމުން ދިޔަ ކޯސްޓްގާޑުގެ ލޯންޏަށް 48,542,000 ސްކޮޔާ މީޓަރު ބެލިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާއަކީ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުވައްޒަފެކެވެ. އޭނާ އެ ރިސޯޓުގެ ސަޕްލައި ޖެޓީ މަތީން މޫދަށް ފުންމާލީ ފޯނު ކޯލެއްގައި ހުރެފައިކަމަށް ރިސޯޓުގެ ސީސީޓީވީން ފެންނަ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ.