މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ވީ އެންމެ އަވަހަކަށް ޕާޓީގެ އޮފީހަށް ހުށަހަޅުއްވައި ދެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންގެ ކިބައިން، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު އެދިވަޑައިގެންފިއެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު ނިހާން، މެންބަރުންގެ ކިބައިން އިންތިހާބާ ގުޅޭ ޝަކުވާތައް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް އެދިވަޑައިގެންނެވީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕު މެދުވެރިކޮށެވެ.
ވައިބާ ގްރޫޕުގައި ނިހާން ލިޔުއްވާފައިވަނީ އިންތިހާބުގައި ގެޒެޓްކުރި ވޯޓާސް ލިސްޓުގައި ނަން އޮވެފައި، ވޯޓު ދޭން ދިޔައިރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ހުށަހެޅެމުންދާ ކަމަށެވެ.
އެ ވައިބާ ގްރޫޕުގައި ނިހާން ލިޔުއްވި މެސެޖުގެ ސްކްރީންޝޮޓްތައް މީސްމީޑިއާގައި އާންމުވަމުންދާ އިރު، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމްގެ ފަރާތުން ހުށަހަޅަމުންދާ ކަމުގެ އަޑުތަކެއް ވެސް ދަނީ އިވެމުންނެވެ.