މަސްވެރިކަން

ބޮޑުކަންނެލީގެ މަސްވެރީންގެ ހާލަތު ގޯހުން ގޯހަށް، އަގު 25ރ އަށް ވެއްޓުނު އިރު ފައިސާ ނުލިބޭތީ ފުރުން ދަތިވެއްޖެ

3

ރާއްޖޭގައި އެންމެ ގިނަ ރައްޔިތުންނަށް އެ ސިނާއަތެއްގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަމުން އަންނަ، މަސްވެރިކަމުގެ ތެރެއިން ބޮޑުކަންނެލީގެ މަސްވެރީންގެ ހާލަތު އިތުރަށް ގޯސްވެ އޮޑިދޯނި ފަހަރަށް ކަންނެއްޔަށް ފުރުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

މިކަން މިހެން މި ދިމާވީ މަސް ގަނެ ބޭރުކުރާ ކުންފުނިތަކަށް ބޭރުގެ މާކެޓުތަކަށް މަސް ބޭރުކުރުމުގެ ފުރުސަތު މުޅީން ބަންދުވެ، މަސް ގަންނަ އަގު ރާއްޖޭގެ ތާރީހުގައި ވެސް ނުވެއްޓޭ ވަރަށް ދަށަށް ދިއުމާއި ގުޅިގެންނެވެ. ރާއްޖޭން ކަންނެލި އެކްސްޕޯޓުކުރާ ބޮޑެތި ހުރިހާ މާކެޓެއް ބަންދުކޮށްފައި ވާއިރު، ދަތުރުފަތުރުގެ ނިޒާމުވެސް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވެފަ ކޮށްފަ އެވެ.

ކަންނެއްޔަށް ދުއްވާ ފައިބަރު ދޯންޏަކާއި ކަނޑުމަހަށް ދުއްވާ ދޯންޏެއް ގެންގުޅޭ އޮޑިވެރިޔަކު އިއްޔެ "ވަން އޮންލައިން" އަށް ބުނީ، މިދާވަރުން ކަންކަން ދާނަމަ ރޯދައިގެ ކުރީން މިކަން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެއީ އަގެއް ނެތުމާއި ހުރި އަގުގައި ވިއްކައިގެން ވެސް ފައިސާކޮޅު ނުލިބޭތީ އެވެ.

"އަޅުގަނޑުގެ އެއް ދޯނި ދަނީ ކަނޑުމަހަށް، އެމީހުން މީގެ ދެ ހަފުތާ ކުރީން ކިރި މަސްކޮޅަށް ފައިސާ އަދިވެސް ނުލިބޭ. އެއީ މިފްކޯއަށް ކިރިމަސް. އަނެއްކާ މަސްކޮޅެއް ބެޔަސް ކިރޭނެ ފަދައެއްވެސް ނެތް. ބޯޓެއް ނެތް. ބޯޓު މި އަންނަނީ ތިން ދުވަހުން ނޫނީ ހަތަރު ދުވަހުން އެއް ފަހަރު، ދެން މަސްވެރީން މި ޖެހެނީ މަސްކޮޅު ބައިގެން އޭގެ މައްޗަށް އައިސް އަޅާލައަޅާލަ ތިބެން. ބޯޓު އަންނަ އިރު ކިޔުގައި އެތައް ދޯންޏެއް އޮވޭ، އެހުރިހާ ދޯނީގެ މަސް ނެގޭވަރަށްވުރެ ބޯޓުތައް ކުދި." އޮޑިވެރިޔާ އޭނާގެ ޝަކުވާ ކިޔައިދިނެވެ.

އޭނާ ބުނީ، މިފްކޯއަށް މަސް ކިރުމުން، ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮންނަ ކަމަށާއި އެކަމަކު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

"ބޯޓު މީހާ އެ ބުނާ ދުވަހަ ބޯޓެއް ވެސް ނާދޭ، ފައިސާ ޖަމާވާނެ ކަމަށް ބުނާ ދުވަހަކު ފައިސާވެސް ޖަމައެއް ނުވޭ. އެހެން ވީމަ ފަޅުވެރީން މަސަލަސްކޮށްގެން ގެންގުޅެން އުނދަގޫވާނެ ދޯ!" އޮޑިވެރިޔާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކަންނެލި މަސްވެރިކަމުގެ ހާލަތު މި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ނުދާވަރަށް ދަށަށް ގޮސްފައި ކަމަށެވެ. 25 ރުފިޔާއަށް ކެންނެލި ކިލޯއެއް ކިރައިގެން މި މަސްވެރިކަން ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

އުތުރުގެ ރަށެއްގެ ކެޔޮޅަކު މިއަދު ބުނީ، އޭނާ ކަންނެލި ކިރަނީ އެންސިސްގައި ރަޖިސްޓްރީ ވެގެން އެތަނަށް ކަމަށާއި، މިހާރު ކަންނެލި ކިރިޔަސް ވަގުތުން ފައިސާ ނުލިބޭ ކަމަށެވެ.

"އެންމެ ފަހުން މީގެ ތިން ހަތަރު ދުވަހެއް ކުރީން ކިރި ދޯންޏަކުން ބުނި މިހާރު ވަގުތުން ފައިސާއެއް ނުދެއޭ. ދެވޭނެ ވަކި ދުވަހެއް ވެސް ނުބުނެއޭ. މަސްވެރިކަން ކުރާ މީހުނަށް އެއްވެސް ގޮތެއް ނެތް. ކުރިޔަށް މިއޮތީ ރޯދަމަސް." ކެޔޮޅު ދެރަވެފައި އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

ކުރީން ވާހަކަދެއްކި އޮޑިވެރިޔާ ބުނީ ހަފުތާއަކު އެއްފަހަރު ކަންނެލި ކިރާ އިރު، ހަރަދަށް އެކަނިވެސް 30،000 އާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހިނގާ ކަމަށެވެ. އެހެން ކަމުން ވަގުތުން ފައިސާ ނުލިބޭ ނަމަ، ދޯނިފަހަރަށް ޖެހިގެން އަންނަ ދަތުރަށް ފުރުން އެއީ ދަތިކަމަކަށް ވާ ކަމަށެވެ. އޮޑިވެރީންނަކީ ބޮޑެތި ލޯނުތައް ނަގައިގެން މިކަން ކުރާ މީހުންނަށް ވާއިރު، އެމީހުން އަތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައި ނުހުންނަ ކަމަށެވެ.

"ކަންނެލި ކިރީމަ އެންސިސް ފަދަ ތަންތަނުން އައިސްކޮޅު އެބަ ލިބޭ. އެކަމަކު މަހަށް ފުރާއިރު އަޅުގަނޑުމެން މި ދުއްވާ ބޮޑެތި އޮޑިފަހަރަށް އެންމެ ބޮޑު ހަރަދަކީ ޑީސަލް. ހަފުތާއަކުން ދަތުރެއް ނިމޭ ކަމަށް ބެލިޔަސް ބައެއް ދޯނި ފަހަރުން 10 ފީފާ އާއި 20 ފީފާއާއި ދެމެދުގެ އަދަދަކަށް ތެޔޮ އެބަ އަނދާ. އެހެންވީމަ ފައިސާ ނުލިބި މި ހަރަދު ކުރާނީ ކިހިނެއް؟ އެންމެ ކުޑަމިނުން ތެޔޮކޮޅު ދަރަންޏަށް ލިބޭ ނަމަވެސް ގޮތެއް އޮތީސް." އޮޑިވެރިޔާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަންނެލި ގަނެ އެކްސްޕޯޓު ކުރާ އެންސިސްގެ އޮފިޝަލަކު ވަން އަށް ވިދާޅުވީ، ކުރީން އަބަދުވެސް ފައިސާ ދެނީ ކަންނެލި ކިރާ ދުވަހު ކަމަށާއި މިހާރު އެހެން ނުދެވޭ ކަމަށެވެ. އެކަމަކު އެއް ދަތުރުގައި ކިރާ ކަންނެލީގެ ފައިސާ ޖެހިގެން އަންނަ ދަތުރުގައި ދެވޭތޯ ބައްލަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރުވެސް ދުވާލަކު 30 ޓަނަށްވުރެ ގިނައިން ކަންނެލި އެބަ ނަގަން. ދުވާލަކު އެވްރެޖުކޮށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ މަސްވެރީންނަށް ދޭން އެބަ ޖެހޭ. ބޭރުކުރެވޭނެ ގޮތެއް ނެތް. އަދި އެ ހުރިހާ މަހާއި ކަންނެލި ބަންދުކޮށްގެން ގެންގުޅުމަކީވެސް ފަސޭހަ ކަމަކަށް ނުވޭ. އެކަމަކު އަޅުގަނޑުމެން މި އަންނަނީ މަސްވެރީންނަށްޓަކައި ކުރެވޭން ހުރި ހުރިހާ ކަމެއް ކުރަމުން." އޮފިޝަލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަސްވެރީން އަތުން މަސް ގަތުމަށް، ލޯނުގެ ގޮތުގައި ސަރުކާރުން 100 މިލިއަން ކަނޑައެޅި ނަމަވެސް އެ ފައިސާވެސް ލިބެނީ މަސްވެރީން އަތުން މަސްގަނެ އެތައް ދުވަހެއް ދާ ފަހުން ކަމަށާއި އެ ފައިސާ ގަވައިދުން ނުލިބުމަކީ ވެސް މަސްވެރީންގެ ފައިސާ ވަގުތުން ދިނުމަށް މި ވަގުތަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް ކަމަށެވެ.

"ފިޝަރީޒް މިނިސްޓްރީން ފައިސާ ދޭނެ ކަމަށް ބުނެގެން މި ނަގަނީ. އެއީ ހަ ޕަސެންޓް އިންޓަރެސްޓުގައި ދޭ ލޯނު. އެކަމަކު އެފައިސާވެސް އެއްބަސްވެފަ އޮންނަ ގޮތަކަށް ނުލިބޭ. މި ވަގުތު މަސްވެރީންގެ ފައިސާކޮޅު ނުދެވި ދިއުމަކީ އަޅުގަނޑުމެން ވެސް އެދޭ ގޮތެއް ނޫން. އެންސިސް އަކީ އަބަދުވެސް ވަގުތުން ފައިސާދޭ ކުންފުންޏެއް. މީގެ ހަފުތާއެއް ކުރިޔާއި ހަމަޔަށް ވެސް މިއައީ އެގޮތުގައި ހިފަހައްޓަމުން. އެކަމަކު ކޮވިޑުގެ ކަންކަމާ ގުޅިގެން މަސްބޭރުކުރާ ހުރިހާ މާކެޓެއް ބަންދުވީމަ މިހާރު އަޅުގަނޑުމެނަށްވެސް އުނދަގޫތަކެއް އެބަ ހުރި." އެންސިސްގެ އޮފިޝަލު ވިދާޅުވި އެވެ.