ކޮލަމް

އެންމެ ސިނާއަތަކަށް މުޅި ގައުމު ބަރޯސާވުން - އިގްތިޞާދީ ބޮޑު ބިރުވެރިކަމެއް (ފުރަތަމަ ބައި)

އަޙްމަދު އަމީން މުޙައްމަދު

ކޮވިޑް-19 ގެ ނަންދީފައިވާ ބޮޑު ބަލާއާފާތެއް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރުވަނީ މިލިޔަނެއް ފަހަނައަޅާގޮސްފައެވެ. މަރުވި މީހުންގެ އަދަދުވެސް ވަނީ ބައިލައްކަ އިން މައްޗަށް ގޮސްފައެވެ. މި ބަލާއާފާތާ ގުޅިގެން މިފަހުގެ ތާރީހުގައި ދުނިޔޭގެ އިގްތިސާދަށް ކުރިމަތި ނުވާވަރުގެ ބޮޑު ހީނަރުކަމެއްވަނީ ކުރިމަތިވެފައެވެ. ބަލީގެ ނުރައްކާތެރިކަމުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޮޑެތި ސިޓީތަކެއް ފުރަބަންދު ކުރަންޖެހުމާއި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އޮފީސްތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ސިނާއަތްތައް ވަނީ ހުއްޓިފައެވެ. ރާއްޖޭގައި މި ބަލިޖެހިފައިވާ މީހުންގެ އަދަދު ﷲ ގެ ރަޙްމަތްފުޅުން މިވަގުތު މަދުނަމަވެސް، ކޮވިޑް-19 ގެ ވައިރަހާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތު (ފަތުރުވެރިކަމުގެ ސިނާއަތު) ވަނީ ހުއްޓިފައެވެ.

މި ބަލާއާފާތާ ގުޅިގެން މިގައުމުގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ސިނާއަތު ހުއްޓުން އެއީ ގައުމަށް ލިބުނު ވަރުގަދަ އިގްތިސާދީ އެލާމެކެވެ. އެންމެ ސިނާއަތަކަށް ބަރޯސާވެގެން ދިވެހިން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އެކި ފަހަރު (މަދު ފަހަރުތަކެއްގައިނަމަވެސް) ފަތުރުވެރިކަމަށް އެރި ލޮޅުންތަކާއެކު ކޮންމެ ފަހަރަކުވެސް މި މައުޟޫއަށް ބޮޑެތި ބަހުސްތަކެއް ކުރެވެއެވެ. ނަމަވެސް ބޭރުގެ އެކި ގައުމުތަކާއި ޖަމާއަތްތަކުގެ މަދަދާއެކު ދަތިތަކުން އަރައިގަނެ، ފަތުރުވެރިކަމަށް އާރޯކަން ލިބެން ފެށުމާއެކު އަނެއްކާވެސް މިކަމުގެ މަތިން އެންމެން ހަނދާން ނެތެއެވެ. އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ، 1962 ވަނަ އަހަރުގެ ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސްގައި ވިދާޅުވިއެވެ. "ފުރާޅު މަރާމާތު ކުރަންވީ ވަގުތަކީ ހޫނުމޫސުމުގެ އިރުގެ ހޫނުކަން އެންމެ ރަނގަޅަށް ލިބޭއިރު" އެވެ. ކެނެޑީ އެ އިޝާރާތްކުރެއްވި ވާހަކައަށް ބަލާއިރު މިއަދު މިއޮތީ ދިވެހި ގައުމުވެސް "އިގްތިސާދު މަރާމާތު" ކުރަން ޖެހޭ ދަނޑިވަޅާ ދިމާވެފައެވެ. އިގްތިސާދު ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތްތަކެއްގެ މައްޗަށް ކަންކަން ރާވަންވީ އަދި ބަހުސްކުރަންވީ ވަގުތު ޖެހިފައެވެ.

މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާފައިވާނީ ފަތުރުވެރިކަމަށް ބަރޯސާވެގެން ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިޔުމުގެ ސަބަބުން ކުރިމަތިވި ބައެއް ނަތީޖާތަކާއި، މީގެ އަހަރުތަކެއްގެ ކުރިން ދިވެހި އިގްތިސާދުގައި އެކި ސިނާއަތުތަކުން އަދާކުރި ދައުރާއި، އެކި ސިނާއަތުތައް ވަޅުޖެހި/ހުއްޓެން ޖެހުނު ބައެއް ސަބަބުތަކާއި ދިވެހި ފަތުރުވެރިކަމަށް އެކި ފަހަރުމަތިން ކުރިމަތިވި ހީނަރުކަމަށް ތަފާސްހިސާބާއި އެކިއެކި ރިސާޗަރުންގެ ގަލަންތަކުން އެކިއެކި ޖާނަލްތަކާއި ފޮތްތަކުގައި ހާމަކޮށްފައިވާ އިލްމީ ހަގީގަތްތަކަށެވެ. މީގެ އިތުރުން އެންމެ ސިނާއަތަކަށް ބަރޯސާވުމުގެ ސަބަބުން އަދުގެ ދުނިޔޭގެ ބައެއް ގައުމުތަކަށް ކުރެވުނު/ކުރެވެމުންދާ ތަޖުރިބާތަކަށާއި އެކަންކަމުން އަރައިގަތުމަށްޓަކައި ގައުމުތަކުން އަމިއްލައަށް އަޅަމުން އަންނަ ނުވަތަ އަޅާފައިވާ ފިޔަވަޅުތަކާއި ސަރަހައްދީ ނުވަތަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން މިކަމަށް ދީފައިވާ ބައެއް އިރުޝާދުތަކަށެވެ. (މައުޟޫއުގެ ގޮތުން ވަރަށް ގިނަ ކަންކަން ހިމަނަން ޖެހޭތީ މި ލިޔުން ޝާއިއުކުރެވޭނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.)

ފަތުރުވެރިކަން ފެށުން:

ރަސްމީ ސިފައެއްގައި (ސިނާއަތެއްގެ ގޮތުގައި) ފަތުރުވެރިކަން ރާއްޖެއަށް ތައާރަފުވީ 1972 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މާލެއަތޮޅު ވިހަމަނާފުށީގައި ތަރައްގީކުރެވުނު "ކުރުނބާވިލެޖް" ގައި 1972 ވަނަ އަހަރު އޮކްޓޯބަރ 3 ވީ އަންގާރަ ދުވަހު އެޅުނު ބިންގަލާއެކު ފަތުރުވެރިކަމުގެ މޫތައް ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔައީ ވަރަށްވެސް ހަލުވިކޮށެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު 1972 ވަނަ އަހަރު ނިމުނުއިރު (ފުރަތަމަ ފަތުރުވެރިން ރާއްޖެ އައިތާ ތިން މަސްވެސް ފުރިހަމަ ވީއިރު) ދެ ރިޒޯޓް ރާއްޖޭގައި އޮޕަރޭޝަނަލައިޒް ވިއެވެ. ދެވަނަ އަހަރު (1973) ނިމުނުއިރު އެނދުގެ އަދަދު 750 އަށް އިތުރު ވިއެވެ. އަދި ފުރަތަމަ 10 އަހަރު ނިމުނުއިރު 44 ރިޒޯޓް ހުޅުވި އެނދުގެ އަދަދު 4000 އަށް އިތުރުވެގެންދިޔައެވެ. ބޭރުފައިސާ ކުއްލިއަކަށް އާދަޔާ ހިލާފަށް ގިނައިން ލިބެން ފެށިއެވެ. ޓްރެވަލް އެޖެންސީތަކާއި، ސްވެނިއަރ ޝޮޕްތަކާއި، އެކްސްކަރޝަންތަކާއި، ޑައިވިން، ވޯޓަރސްޕޯރޓްސް، ރިޒޯޓް ސަޕްލައި، ރިޒޯޓްތަކަށް ޓޫރިސްޓުން އުފުލުން، ރިޒޯޓް އިމާރާތްކުރުން، މިހެންގޮސް އޭގެ ކުރިން ރާއްޖޭގައި ފުރުސަތު ނެތް ކިތަންމެ މަސައްކަތެއް ފެށިގެންދިޔައެވެ. ވަޒީފާގެ ފުރުސަތުތައް ގިނަ ބަޔަކަށް ލިބުމާއި ބޭރުފައިސާގެ ދޮރު ވަރަށް ބޮޑަށް ހުޅުވިގެން ދިޔުމުން، "ރަންބިސް އަޅާ ކުކުޅު" ގެ ނަމުގައި މި ސިނާއަތް ރަނގަޅަށްވެސް ދިވެހި އިގްތިސޯދުގައި ބާރުގަދަ ކުރިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ފެށުމާއެކު ދައުލަތުގެ އާމްދަނީއަށް ބޮޑު ހިއްސާއެއް ވާންފެށިއެވެ. ޝާއިއުކުރެވިފައިވާ ތަފާސްހިސާބަށް ބަލާއިރު 1987 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު އާމްދަނީ އަކީ ގާތްގަނޑަކަށް 70 މިލިޔަން ރުފިޔާއެވެ. ނަމަވެސް 1999 (އޭގެ 12 އަހަރުފަހުން) ފަތުރުވެރިކަމުން ދިވެހި ދައުލަތަށް 650 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދައިދިނެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ފަތުރުވެރިކަން ފެށިގެން ފުޅާވަމުންދިޔައިރު މަސްވެރިކަމުގެ ސިނާއަތުގެ ދައުރު:

70 ގެ އަހަރުތަކާ ހަމައަށް އާދެވުނުއިރު ރާއްޖޭގެ އިގްތިސާދުގެ މައި ލޭނާރަކީ މަސްވެރިކަމެވެ. ކުރީގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން 1997 ގައި ޝާއިއުކޮށްފައިވާ ކަރުދާހެއްގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް ޑިވެލޮޕްމަންޓްގެ ތަފާސްހިސާބާ ހަވާލާދީ ބަޔާންކޮށްފައިވާގޮތުން 70 ގެ އަހަރުތަކާ ހަމައަށް އައިއިރު ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ 50 އިންސައްތަ އަށްވުރެ ގިނަ ބަޔަކު ސީދާގޮތުން މަސައްކަތްކުރަމުން ދިޔައީ މަސްވެރިކަމުގެ ސިނާއަތުގައި ނުވަތަ މަސްވެރިކަމާ ގުޅުންހުރި ސިނާއީ މަސައްކަތްތަކުގައެވެ. އަދި 70 ގެ ކުރީކޮޅު ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީ ވަރަށް ބޮޑަށް ފުޅާވެގެންދިޔުމާއި ފަތުރުވެރިކަން ތައާރަފުވުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އިގްތިސާދުގައި މަސްވެރިކަމުގެ ސިނާއަތު ހިއްސާކުރާ އިންސައްތަ ދަށަށް ދާންފެށިއެވެ.

މި ކަރުދާހުގައި އިތުރަށް ބަޔާންކޮށްފައިވާގޮތުގައި 1996 ވަނަ އަހަރު (ރާއްޖޭގެ ފަތުރުވެރިކަމަށް 24 އަހަރު ފުރުނު އަހަރު) ދިވެހި ގައުމީ އުފެއްދުންތެރިކަމަށް މަސްވެރިކަމުގެ ސިނާއަތު ހިއްސާކުރާ މިންވަރަކީ އެންމެ 11 އިންސައްތައެވެ. މަސްވެރިކަމުގެ ސިނާއަތުގައި އެ އަހަރު މަސައްކަތް ކުރަމުންދިޔައީ ރާއްޖޭގައި ވަޒީފާއަދާކުރާ އާބާދީގެ އެންމެ 20.6 އިންސައްތަ މީހުންނެވެ. ނަމަވެސް އެ އަހަރުވެސް ރާއްޖެއަށް ވަން ބޭރުފައިސާގެ ބޮޑު އިންސައްތައެއް ހިއްސާކުރީ މަސްވެރިކަމުގެ އެކްސްޕޯޓެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ މެދުތެރޭގެ އަހަރުތަކުގައި (މިއަދުގެ ހާލަތާ ތަފާތުކޮށް) މަސްވެރިކަމާ ގުޅުންހުރި ތަފާތު ސިނާއީ ކަންކަން ރާއްޖޭގައި ފުޅާދާއިރާއެއްގައި ދިޔައީ ހިނގަމުންނެވެ. މިގޮތުން ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގެ ކަންކޮޅުތަކުގައި އޭރު ވަރަށް ފުޅާދާއިރާއެއްގައި ކުރެވެމުންދިޔައެވެ. މިގޮތުން ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1985 ވަނަ އަހަރު އެންމެ 0.031 ޓަނުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރިނަމަވެސް އޭގެ ގާތްގަނޑަކަށް 10 އަހަރުފަހުން 1994 ގައި 66.200 ޓަނުގެ ހުއިފިލަނޑާ އެކްސްޕޯޓްކޮށްގެން 5.016 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ހަމަ އެދުވަސްވަރު ކުރިއަށްދިޔަ އަނެއް މުހިއްމު ކަމަކީ ފާނައިގެ މަސްވެރިކަމެވެ. 1993 ވަނަ އަހަރު ދިރޭ ފާނައިގެ ގޮތުގަޔާއި ފިނިކުރި ފާނައިގެ ގޮތުގައި 17.8 ޓަނުގެ ފާނަ ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވެއެވެ. ފާނައިގެ މަސްވެރިކަން ރާއްޖޭގައި ފުޅާވި މިންވަރުގެ މިސާލަކީ އިސްވެ ބަޔާންކުރި އަހަރުގެ ބަރާބަރު ދެ އަހަރު ފަހުން 1995 ވަނަ އަހަރު 1025 ޓަނުގެ ފާނަ ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވުމެވެ. މިހެންކަމުން އޭރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރޭ ފާނަ ގެންގުޅުމަށް މޫދުގައި ވަރަށް ގިނަ ފާނަކޮށި ތައްޔާރުކުރެވި ފާނައިގެ މަސްވެރިކަމަށް ހާއްސަވެ އެމަސައްކަތްކުރާ ދޯނިފަހަރު އާދަޔާހިލާފަށް ގިނަވެގެންދިޔައެވެ.

މީގެ އިތުރުން މިޔަރުގެ މަސްވެރިކަންވެސް ހަމަ މިދުވަސްވަރު ފުޅާދާއިރާއެއްގައި ކުރެވެމުންދިޔައެވެ. މިގޮތުން މިޔަރު އުރަހަ ހިއްކައިގެން، މިޔަރު ސީރާ އަޅައިގެން އަދި މިޔަރުގެ އެކި ބައިތައް ޕްރޮސެސްކޮށްގެން އިރުމަތީގެ ގައުމުތަކަށާއި އަވައްޓެރި ޝްރީލަންކާއަށްވެސް ދިޔައީ އެކްސްޕޯޓްކުރަމުންނެވެ. މިކަމަށްޓަކާ ވަރަށް ގިނަ ރައްތަކުގައި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި ވާދަވެރި ރޫހެއްގައި މި މަސައްކަތް ކުރެވެމުންދިޔައެވެ. 1996 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް (އަހަރަކަށް) 1400 ޓަނުގެ މިޔަރުގެ އުފެއްދުންތައް ރާއްޖެއިން ދިޔައީ އެކްސްޕޯޓްކުރަމުންނެވެ. މިޔަރުގެ މަސްވެރިކަމެކޭ އެއްގޮތަށް މެރިން އެކުއޭރިއަމް މަހުގެ އެކްސްޕޯޓްވެސް ރާއްޖޭގައި އަހަރުން އަހަރަށް ފުޅާދާއިރާއެއްގައި ދިޔައީ ކުރެވެމުންނެވެ. ހަމަ މިއާއެކު މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން މޫދުވިނަ އާލާކުރުމާއި އިތާމުތް އާލާކުރުން އަދި އިހި އާލާކުރުންފަދަ މެރިކަލްޗަރ ޕްރޮގްރާމްތަކެއްވެސް ސަރުކާރުން ހިންގަމުންދިޔައެވެ. ކާމިޔާބުކަމާއެކު މެރިކަލްޗަރ ޕްރޮގްރާމްތައް ހިންގައި، އިންޑަސްޓްރިއަލް ލެވެލްއަށް ގެންދެވުނު ނަމަ މިއީ ރަނގަޅު ނަފާއެއް ނެރެވޭނެ އަދި ރާއްޖެފަދަ ގައުމަކަށް ވަރަށް އެކަށީގެންވާ މަސައްކަތެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: އަޙްމަދު އަމީން މުޙައްމަދަކީ މަދަރުސީ ދައުރުން ފެށިގެން ލިޔުންތެރިކަމާއި އަދަބީ ފަންނަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. ވިޔަފާރިއާއި މެނޭޖްމަންޓްގެ ދާއިރާއިން ޗެކްރިޕަބްލިކްގެ މަސަރޭކް ޔުނިވަސިޓީން މާސްޓާސް ޑިގްރީ ވަނީ ހާސިލުކުރައްވާފައެވެ. މިހާރު ހިދުމަތްކުރައްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. މީގެ އިތުރުން ޔުނިވަސިޓީ/ކޮލެޖްތަކުގައި ވިޔަފާރިއާއި މެނޭޖްމަންޓްގެ ދާއިރާގެ ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވުމާއި ޑިސަރޓޭޝަން ސުޕަވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވައެވެ.