ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލައިގެން މަސައްކަތް ކުރަން އައިޖީއެމްއެޗުގެ ސީނިއާ ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.
ކޮވިޑް 19 ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ކޮންމެ ވިޔަފާރިއަކުންވެސް ބިޒްނަސް ކޮންޓިންޖެންސީ ޕްލޭނެއް ހަދައި ކޮވިޑް 19އިން ރައްކާތެރިވުމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރިކަންކަން ކަނޑައަޅައި އެކަންކަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވިޔަފާރިތައް ހިންގާއިރު އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ފިހާރަތަކުގައިވެސް ކައުންޓަރުތަކުގައި ތިބޭ މީހުންނާ އެއްޗެތި ގަންނަންދާ މީހުންނާ ދެމެދު މުއާމަލާތްކުރާއިރު އަދި ފައިސާގައި އަތްލާއިރުވެސް ގްލޯވްސް ލައްްވައިގެން އުޅުމާއި ބަލިވެއްޖެ ނަމަ އެފަދަ ތަންތަނަށް ދިއުން ހުއްޓާލުން، އަދި އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައެއް މިއީ ކޮންމެވެސް ކަހަލަ ޕާޓިޝަނެއް ޖަހާފަ ކޭޝިއަރުގައި އިންނަ ކުއްޖާއާ ކަސްޓަމަރާ ދެމެދު ޕާޓިޝަނެއް ޖެހުން،" އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ކާފިއު ބާއްވަނީ އެންމެންގެ ރައްކާތެރިކަމަށް ކަމަށާއި ނަމަވެސް ކާފިއުގެ ވަގުތުގެ ކުރިން ނުވަތަ ކާފިއު ހަމަވުމުން މަގުތަކަށާއި ފިހާރަތަކަށް މީހުން ތޮއްޖެހޭ ކަމުގައި ވާނަމަ ކާފިއުގެ ބޭނުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ނުބަލައި އުޅެން ވެއްޖެނަމަ މިހާރު އޮތް ހާލަތު އިތުރަށް ހިއްލާލާއިރު އަނެއްކާވެސް ނުރައްކާ އިތުރުވެގެން ހިނގައިދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މޫސުމީ ބަލިތައް ކަމަށްވާ ޑެންގީ އަދި ބޭރަށް ހިންގުމުގެ ބަލިތައް އަބަދުވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެގޮތުން އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަފްޒަލް އިލްތިމާސްކުރެއްވި އެވެ.