ކުއްލި ޚަބަރު

ކޮވިޑް 19 ރިލީފް ޕެކޭޖް : ކޮންމެ ރިސޯޓަކަށް ހަތް މިލިއަން ރުުފިޔާގެ ލޯނު ނެގޭނެ

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން ކޮންމެ ރިސޯޓަކަށް ހަތް މިލިއަން ރުފިޔާގެ ލޯނު ނެގޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން ވަނީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި މުހިންމު ހަތް ފިޔަވަޅެއް އެޅުމަށް ނިންމައިފައެވެ.

އެގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި، ދެ މަސްދުވަހަށް ފެނާއި ކަރަންޓް ބިލުން ބައެއް މައާފުކޮށްދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައި ހުރި ލޯނުތަކާއި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުމާއި، އެސްއެމްއީ ބޭންކުން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތަކާއި އިންޓަރެސްޓް ޕޭމަންޓްތައް މާޗް 2020 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ސްޓޫޑެންޓް ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުން ހިމެނެއެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކުގެ ތެރެއިން ޖޮބް ސެންޓަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ތިން މަސް ދުވަހަށް އެލަވަންސްއެއް ދިނުމަށް ވަނީ ނިންމައިފައެވެ.

މި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ މަދުން ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން މި ލޯންތައް ދެވޭނީ ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކުގައެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯން އަނބުރާ ދައްކަންޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.

ކޮންމެ ރިސޯޓުތަކަށް ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖައްސާފައިވަނީ ގިނަވެގެން 7.71 މިލިއަން ރުފިޔާއެވެ. ރިސޯޓްތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި، ރިސޯޓްގައި ދިވެހި މުވައްޒިފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތިތޯ ބަލައި އިސްކަން ދެވޭނެ ކަމަށް ފިނޭންސްގެ އުސޫލުގައިވެއެވެ. އަދި އެކަންކަން ސަރުކާރުން ބަލައި، ބޭންކް އޮފް މޯލްޑިވްސްއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރިސޯޓް ނުވަތަ ވިޔަފާރީގެ ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، މިދިޔަ އަހަރު ވިޔަފާރިއަށް ފައިދާވެފައިވޭތޯއާ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލައި އިސްކަންދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮވިޑް 19އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަަކަށް ލޯން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ދޫކުރަނީ އެއް މިލިއަން ރުފިޔާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައިވެސް ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިސާވެފައިވޭތޯއާ، ކޮވިޑް 19 އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވޭތޯ ބަލާނެ ކަމަށް ބުނެފައިވެއެވެ.