ކުއްލި ޚަބަރު

ކޮވިޑް 19 : ރިލީފް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

އަލީ ޔާމިން

3

ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި އުސޫލުގައިވާ ގޮތުން ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ހަ އިންސައްތަ އިންޓަރެސްޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާކާއެކުގައި ދޫކުރެވޭ ލޯނުތަކެކެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް މާދަމާ ހުޅުވާލާނެ ކަމަށެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށް ކަމަށާއިި އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ މަދުން ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކޮންމެ ރިސޯޓުތަކަށް ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖައްސާފައިވަނީ ގިނަވެގެން 7.71 މިލިއަން ރުފިޔާއެވެ. ރިސޯޓްތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި، ރިސޯޓްގައި ދިވެހި މުވައްޒިފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތިތޯ ބަލައި އިސްކަން ދެވޭނެ ކަމަށް ފިނޭންސްގެ އުސޫލުގައިވެއެވެ. އަދި އެކަންކަން ސަރުކާރުން ބަލައި، ބޭންކް އޮފް މޯލްޑިވްސްއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރިސޯޓް ނުވަތަ ވިޔަފާރީގެ ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، މިދިޔަ އަހަރު ވިޔަފާރިއަށް ފައިދާވެފައިވޭތޯއާ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލައި އިސްކަންދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮވިޑް 19އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަަކަށް ލޯން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ދޫކުރަނީ އެއް މިލިއަން ރުފިޔާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައިވެސް ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިސާވެފައިވޭތޯއާ، ކޮވިޑް 19 އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވޭތޯ ބަލާނެ ކަމަށް ބުނެފައިވެއެވެ.