ކޮވިޑް 19 އާއި ގުޅިގެން ކުރަން ޖެހިދާނެ މަސައްކަތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން މާލެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފިއެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލެ، ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު މި ޕްރޮގްރާމްގެ ދަށުން އެއްކުރާނެ ކަމަށެވެ. އެގޮތުން މިހާތަނަށް މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި ވިލި މާލޭގެ 51 ތަނެއް ބަލައި އެތަންތާގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ވެސް މި ޕްރޮގްރާމްގެ ދަށުން އެއްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ޕްރޮގުރާމު ކުރިޔަށް ގެންދަނީ އެކައުންސިލްގެ މުވައްޒަފުންނާއި ވޮލަންޓިޔަރުން ހިމެނޭ ޓީމަކުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކޮވިޑް 19 މާލެ ތެރެއަށް ފެތުރިއްޖެ ނަމަ، ބިދޭސީންގެ ތެރޭގައި އެބަލި ފެތުރި ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ މާހައުލު ހުރި ގޮތުން އެތައް ބަޔަކު އެއް ތަނެއްގައި ދިރިއުޅުމާއި އެތަންތަނުގެ ސާފުތާހިރުކަން ހުންނަ ގޮތުންނެވެ.
މި ސަބަބަށް ޓަކައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމަށް ފުރުވައިލުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ވަނީ ފައްޓާފަ އެވެ.