ދަނޑުވެރިކަން

މުޅި ރާއްޖޭގައި ދަނޑުވެރިކަމުގެ އާ ރޫހެއް އުފެދި ދަނޑުހެދުއްދުމުގެ މަސައްކަތް ފޯރިއާއެކު ފަށައިފި

1

މުޅި ރާއްޖޭގައި ދަނޑުވެރިކަމުގެ އާ ރޫހެއް އުފެދި ދަނޑު ހެއްދުމުގެ މަސައްކަތް ފޯރިއާއެކު ފަށައިފި އެވެ.

ކޮވިޑް 19 އާއި ގުޅިގެން، ސަރުކާރުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދި ފަހުން ވަނީ ދިވެހީންގެ ފުޑް ސެކިއުރިޓީ ހަގީގަތުގައި ގުޅިފައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމާ ކަމަށް ވިދާޅުވެފަ އެވެ. ކާބޯތަކެތީގެ ހުރިހާ ވައްތަރުތަކެއް ބޭރުން އެތެރެކުރާ އިރު، މުޅި ދުނިޔެ ލޮކްޑައުންއެއްގައި އޮންނަ މިފަދަ ހާލަތެއްގައި، ދުނިޔޭގެ އެހެން ގައުމުތަކަށް މުޅީން ބަރޯސާ ވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވި އެވެ.

އޭގެ ފަހުން، އެސްޓީއޯއިން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ ސީއޯއޯ އަދި މެނޭޖިން ޑައިރެކްޓަރު، ހުސެއިން އަމްރު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ރައްޔިތުންގެ ނުކުމެ ދަނޑު ހެއްދުމަށް ގޮވާލައްވާފަ އެވެ. ކުރީން ރައްޔިތުން އެކަން އެކަށީގެންވާ ގޮތެއްގައި ނުކުރަނީ އުފައްދާ ތަކެއްޗަށް އަގު ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުންކަން ފާހަގަކުރައްވައި، އަމްރު ވިދާޅުވީ ކިތަންމެ މަދުން އުފެއްދި ނަމަވެސް އެތަކެތި ގަންނާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ދަނޑުވެރީން ރަޖިސްޓްރީ ވާން އެސްޓީއޯއިން ވަނީ ހުޅުވާލާފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން އުފެދިފައިވާ މި ހާލަތާއި، ސަރުކާރުން މި ޔަގީންކަން ދެއްވުމާއި ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އަންނަނީ ދޫކުރެވެން އޮތް އެންމެ ގިނަ އަދަދަކަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަމުންނެވެ. އެކަމަށް ޓަކައި ބައެއް ސިޓީ ކައުންސިލް ތަކުންނާއި އަތޮޅު ކައުންސިލު އަދި ރަށު ކައުންސިލުތަކުން އިސް ނަގައިގެން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.

އޭގެ އިތުރުން، ގޭގޭގައި އޮންނަ ހުސް ތަންކޮޅުގަ އާއި ހުސް ބިންތަކުގައި ވެސް ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ހަމަ މި ވަގުތާއި ދިމާކޮށް، ދަނޑުގޮވާން ކުރުމުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތާއި މުޑުވައް ކުރާނެ ގޮތް އަދި ގަސްގަހަށް ބަލި ޖެހުމުން ފަރުވާ ކުރާނެ ގޮތުގެ މައުލޫމާތު ވެސް އެކި ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި އާންމުކުރަމުންނެވެ.

މި ރޫހުގައި މި މަސައްކަތް ނުހުއްޓި، އަދި އުފައްދާ ތަކެއްޗަށް އަގު ލިބެމުން އަންނަ ނަމަ، ކުރިޔަށް އޮތް އަހަރު ތަކުގައި ރާއްޖެ ދަނޑުވެރިކަމުގެ ތިޔާގި ދުވަސްތަކެއް ދެކޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ސަރުކާރުން ޖެހޭނީ މިފަދަ ވިޔަފާރިތައް ހުޅުވައިދޭން. ކައުންސިލުތަކުން ވެސް އެބަ ޖެހޭ އެރަށަކުން ދެވެން އޮތް ވަރަކުން އެއް ބިން ވިޔަސް ދެ ބިން ވިޔަސް ދޫކުރަން. މުޅި ރާއްޖޭގައި މިކަން ފެށުނީމަ ރަށު ފެންވަރުގައި ބޭނުންވާ ތަކެތި، އަތޮޅު ފެންވަރުގައި ބޭނުންވާ ތަކެތި، އަދި ބޮޑެތި ރަށްރަށުން މުޅި ގައުމަށް ބޭނުންވާ ބާވަތްތައް އުފެދެމުން ދާނެ. މިކަން ނުހުއްޓި ކުރިޔަށް ގޮސްފި ނަމަ އެދުވަސް ދިވެހީން ދެކޭނެ." ދަނޑުވެރިކަމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި ވިޔަފާރިވެރިޔަކު ބުންޏެވެ.