ޚަބަރު

އައްޑޫ އާއި ފުވައްމުލަކަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އިތުރުކުރަނީ

އަލީ ޔާމިން

އައްޑޫ އާއި ފުވައްމުލައް ސިޓީއަށް މޯލްޑިވިއަނުން ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މޯލްޑިވިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެއާއެކު ދަތުރުކުރާ މީހުން ވެސް މަދުވެފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓީނުގެ މުއްދަތު ހަމަވާ ފަރާތްތަކާއި ބައެއް ރިސޯޓުތަކުން ވެސް މުވައްޒަފުންނަށް އަނބުރާ ރަށަށް ދެވޭ ގޮތް މިހާރު ވެފައިވުމުން ވަރަށް ގިނަ މީހުން އިތުރު ދަތުރުތައް ބޭއްވުމަށް އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ އަދި ފުވައްމުލަކަށް ޝެޑިއުލް ދަތުރުތައްކުރާ އަދަދަށްވުރެ ފްލައިޓު އިތުރު ކުރާނެ. ޝެޑިއުލް ތަންދޭ މިންވަރަކުން ހުރިހާ ސަރަހައްދުތަކަށް ވެސް ފްލައިޓުތައް އިތުރުކުރަމުންދާނެ،" މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަނުން މީގެ ކުރިން އައްޑޫއަށް ދުވާލަކު ފަހެއް ނުވަތަ ހަ ދަތުރު ކުރާއިރު ފުވައްމުލަކަށް ކުރަމުން އައީ ދުވާލަކު ދެ ދަތުރެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ދަތުރުކުރާ މީހުން ބަދަލުވެ ގެނައި ބަދަލާއެކު މޯލްޑިވިއަނުން މިހާރު އައްޑޫ އަދި ފުވައްމުލަކަށް ވެސް ކުރަނީ ދުވާލަކު އެއް ދަތުރެވެ.