ވިޔަފާރި

ދިރާގު ފިކްސްޑް ބްރޯޑްބޭންޑުން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަތަކަށް ވަނުން ހިލޭ

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓުގެ ޒަރިއްޔާއިން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަ ތަކަށް ހިލޭ ވަދެވޭނެ ގޮތް ދިރާގުން ހަދައިފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތައް ބަންދުކޮށްފައި ހުރުމުން، މި ވަގުތު ގޭގައި މަސައްކަތް ކުރުމަށް އިންޓަނެޓް ހިދުމަތް ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް މުހިއްމު ވެފައިވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ސަރުކާރު މުވައްޒަފުންގެ މަސައްކަތްތަކަށް ލުއިގޮތެއް ހޯދައިދިނުމަކީ ދިރާގުން އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެގޮތުން ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރުމަށް މިހާރު މަގުފަހި ވެފައިވާ ކަމަށް ދިރާގުން ބުންޏެވެ. މި ނިންމުމަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން ކުރި މަސައްކަތެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މިދުވަސްވަރުގެ ހާލަތުގެ ގޮތުން ކުރިއަށް ވުރެ ބޮޑަށް އެންމެންވެސް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާކަން ދިރާގުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި މި ދަނޑިވަޅުގައި ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، އާއިލާއާއި ރައްޓެހިންގެ ހާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށް ގިނަބަޔަކު އިންޓަނެޓުގެ ބޭނުން ކުރަމުން އަންނަކަން ދިރާގުން ފާހަގަ ކުރެއެވެ.

މިކަންކަމަށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ހިލޭ ޑޭޓާ، އަދި ޑިސްކައުންޓު ދެމުން އަންނަކަންވެސް ދިރާގުން ފާހަގަ ކުރެއެވެ.