ރައްޔިތުންގެ މަޖިލިސް

ދައުރު ދިގުނުކޮށް، ކައުންސިލްތައް ހިންގާނެ ބަޔަކު އައްޔަން ކުރުމުގެބާރު ރައީސަށްދޭން އަނދުންހުސެން ގޮވާލައްވައިފި

އިބްރާހިމް ޒަކީ

2

މިމަހު ހަތަރެއްްގައި ބޭއްވުމަށް ކުރީން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުން، އަންނަ ޖޫން ތިނަކަށް ދައުރު ހަމަވާ، މިހާރު ތިއްބެވި ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ކައުންސިލަރުންގެ މަގާމުގެ މުއްދަތު ތިނެއް ޖޫނަށް ހަމަވުމުން އެ ދުވަހުން ފެށިގެން ކައުންސެލަރުން އިންތިހާބު ކުރެވެންދެން، އަންނަ ހުސް ވަގުތުގައި ކައުންސިލްތައް ހިންގާނެ ބަޔަކު އައްޔަން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުުހައްމަދު ސޯލިހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގޮވާލައްވައިފި އެވެ.

ކައުންސިލް އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، އަންނަ ޖޫން 3 އަށް މިހާރުތިބި ކައުންސެލަރުންގެ ދައުރު ހަމަވާތީ އެ ފަރާތްތައް މަގާމުގައި ތިބުމުގެ މުއްދަތު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމް ވިދާޅުވީ އެކަމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ނުޖެހޭ ކަމަށެވެ.

އަދި އިންތިހާބެއް ބާއްވައި ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކޮށްފައިތިބި ބަޔަކު، އެ ރައްޔިތުންގެ ވޯޓަކާ ނުލައި އިތުރު ދައުރަކަށް ބެއިތިއްބުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމޭނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ކޮބާމަގޭވޯޓު، ކޮބާ މަގޭ ހައްގޭ ގޮވަމުން އައިސް އާއްމު ރައްޔިތުންގެ ވޯޓަކާނުލައި ރައްޔިތުންގެ މަޖިލީހުން ބަޔަކަށް އިތުރު ދައުރަށް ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުމުރު ދުވަހު ގޮވަމުން މިއައީ ކޮބާކޮބާ މަގޭ ވޯޓު، ކޮބާކޮބާ މަގޭ ހައްގު، އެހެންވީމާ އަޅުގަނޑުމެން ރައްޔިތުންގެ ވޯޓަކާނުލައި މަޖިލީހުން ބަޔަކަށް އިތުރު ދައުރެއް ދިނުމަކި އަޅުގަނޑުމެން ކޮށްގެންވާނެ ކަކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން، އަޅުގަނޑުގެ ރައްޓެހިންނާއި ރަހުމަތްތެރިން ކައުންސިލްތަކުގައި ނެތީކީއެއްނޫން،" ހުސެއިން ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖެހިގެން މިއުޅެނީ ކުޑަކުޑަ ކަމެއް ކަމަށާއި، ބަހުސް ކުރަން ޖެހެނީ، ޖޫން 3 އަށް މުއްދަތު ހަމަވާ ކައުންސެލަރުންނަށް ގޮތެއް ހަމަޖެއްސުމަށް ކަަމަށެވެ.

އެގޮތަކީ މުއްދަތު ކަމަވާ ދުވަހުން ފެށިގެން، ދެން ކައުންސިލް އިންތިހާބު ބޭއްވެންދެން، ރައިސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ އަދަދެއްގެ ބަޔަކު އެމަގާމުތަކަށް އައްޔަން ކުރެވޭގޮތް ހެދުން ކަމަށާއި، ގާނޫނަށް ގެންނަ ކުޑަކުޑަ އިސްލާހަކުން އެކަން ކުރެވިދާނެ ކަމަށެވެ.

އަދި މިާހރު މިއޮތް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީގައި ބުނެފައިއެވާ، ގާނޫނުއަސާސީ އިސްލާހު ކޮށްގެންނުވާނެކަމަށް ބުނެފައިވާފަދަ ހާލަތެއް ކަމަށާއި، އެހާލަތު އިއުލާން ކޮށްފައިވަނީ ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތުގެ ލަފާގެމަތިން ހެލްތު މިނިސްޓަރު ނަމަވެސް އެހާަލަތު ނަގަހައްޓައި ދަމަހައްޓައި، އެއަށް އަމަލު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ކަމަށްވާތީ، މިހާލަތުގައި ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ހުސެއިން ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟