ޚަބަރު

މިދިޔަ މަހުގެ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި

އައިދާ އަބްދުލް ހަކީމް

ސަރުކާރު މުވައްޒަފުންގެ މިދިޔަ މަހުގެ އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން، މިދިޔަ މަހު ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކުރީ، މުސާރަ އާއި އިތުރު ގަޑީގެ ފައިސާ ޕްރޮސެސް ކުރާ ހަފުތާއާ ދިމާކޮށް ވުމުން ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މުސާރަ އާއި އޯޓީ ހެދުމަށް ސަރުކާރުގެ އޮފީސްތަކަށް ލިބުނީ މަދު ވަގުތު ކޮޅެއް ކަމަށެވެ. އެހެންކަމުން ބައެއް އޮފީސްތަކުން މުސާރަ ޝީޓް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވީ އިތުރު ގަޑީގެ ފައިސާ ނުހިމަނާ ކަމަށެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ސަރުކާރުގެ އޮފީސްތައް މި މަހު ބަންދުކޮށްފައި ވާތީ، ވަޒީފާއަށް ނިކުންނަން ނުޖެހޭ ސިވިލް ސާވެންޓުންނަށް މި މަހު އޯޓީއެއް ނުލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ އިނާޔަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން، މުސާރަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް ހާއްސަ ސާކިއުލާއެއް މިދިޔަ މަހު ނެރެފައި ވާނެ ކަމަށެވެ.

އެ ސާކިއުލާގައި ވާ ގޮތުން މުސާރަ ޝީޓް ތައްޔާރުކުރުމުގައި އަސާސީ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގެން ހުރުމާއި އިތުރު ގަޑީގެ ފައިސާ އާއި އުނިކުރާ ގަޑީލާރީގެ މައުލޫމާތުތައް މާޗު މަހުގެ މުސާރައިގެ ގޮތުގައި ނުހިމެނުމަށް އަންގާފައިވެ އެވެ. އެގޮތުން މުސާރައަށް ގެންނަން ޖެހޭ އުނިއިތުރުތައް މިދިޔަ މަހު ގެނެސްފައިވަނީ ފިނޭންސް މިނިސްްޓްރީންނެވެ.

މިދިޔަ ހަފުތާގައި ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ބޮޑެތި މުސާރަތައް ދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާކޮށްފައިވާ އިރު މިހާތަނަށް މިބަލި ޖެހިފައިވާ 19 މީހަކު ވަނީ ފެނިފައެވެ.