ސިޔާސީ

ރައްޔިތުން ވޯޓުދީގެން ހޮވާ މަގާމެއްގެ މުއްދަތު މަޖިލީހުން އިތުރު ކުރުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފުކަމެއް: މޫސަ

އިބްރާހިމް ޒަކީ

2

ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެންވިޔަސް ރައްޔިތުމީހާ ވޯޓު ދީގެން ހޮވަން ޖެހޭ އެއްވެސް މަގާމަކަށް މީހަކު އިންތިހާބު ކުރުމުގެބާރު، މަޖިލީހަށް ދިނުމަކީ އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައި މި ވަނީ، ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ދަށުން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބު ކުރާ ބޭފުޅުން މަގާމާ ހަވާލު ވަންދެން، މިހާރު ތިއްބެވި ކައުންސަރުންގެ މުއްދަތު ހަމަވިޔަސް މަގާމުތަކުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޫސަ ވިދާޅުވީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާކަމަށް ކުރިިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ވޯޓުދީފައިވެސް އެކަމާ ދެކޮޅު ހެދި މީހުން ކޮވިޑް 19 އާ އަޅުވައިފައި ރައްޔިތުންނަށް ލިބިދޭ، ވޯޓުގެ ހައްގުން މަހުރޫމުކޮށް، އިންތިހާބީ ދައުރު އިތުރު ކުރާނަމަ ހުރިހާ މަގާމުތަކަށް ވެސް އެ އުސޫލުން އަމަލު ކުރެވިދާނެ، ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ އޮތީމަ 30 އަހަރު ވަންދެން އެއް ކެންޑިޑޭޓަކު ވެރިކަމަށް ނެރެން މަޖިލީހުން މީގެ ކުރިން ނިންމާފައިވާ ކަމަށްވެސް، ކުރީގެ ރައީސް މައުމޫނުުގެ 30 އަހަރު ވެރިކަމަށް ކުރިިމަތިލާ ފަރާތް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތް ގާނޫނީ ބާރު ފާހަގަ ކުރައްވައި، އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް ލިބިފައިވާ ސުޕަ މެޖޯރިޓީ ފާހަގަ ކުރައްވައި މޫސަ ވިދާޅުވިއެވެ.

"ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެންވިޔަސް ރައްޔިތުމީހާ ވޯޓުދީގެން ހޮވަންޖެހޭ އެއްވެސް މަގާމަކަށް މީހަކު އިންތިހާބު ކުރުމުގެ ބާރު، މަޖިލީހަށް ދިނުމަކީ އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް. މެޖޯރިޓީ އޮތީމަ 30 އަހަރު ވަންދެން އެއް ކެންޑިޑޭޓަކު ވެރިކަމަށް ނެރެން މަޖިލީހުން ނިންމީވެސް،" މޫސަ ވިދާޅުވިއެވެ.

މި މަހު ހަތަރެއްގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން ދެވަނަ ފަހަރަށް މިމަހު 18 އަށް ވަނީ ފަސް ކޮށްފައެވެ. ނަަމަވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެ އިންތިހާބު އިތުރަށް ފަސްކުރަން ޖެހިފައިވީ ނަމަވެސް އިތުރަށް އންތިހާބު ފަސް ކުރުމުގެ ބާރު ގާނޫނުން އީސީއަށް ލިބިފައި ނުވާތީ، ހާއްސަ ގާނޫނަކުން އިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށައިފައެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެޖެންޑާކޮށްފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020، ގެ ނަމުގައި، އަންނަ 2021 ވަނަ އަހަރުގެ ޖެނުއަރީ ހަޔައަށް ކައުންސިލް އިންތިިހާބު ފަސް ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލެއްވެސް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.