އެމެރިކާގެ ނިއު ޔޯކް ސިޓީގައި އޮންނަ ބްރޮންކްސް ޒުލުގައި އޮތް މިނިކާވަގެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން ހަތަރު އަހަރުގެ އެ މިނިކާވަގު ކޮވިޑަށް ޕޮޒިޓިވްވިކަން ކަށަވަރު ކޮށްދިނީ އެމެރިކާގެ ނެޝަނަލް ވެޓިނެރަރީ ސާވިސަސް ލެބޯރަޓަރީން ކަމަށް ޒުލުގެ ފަރާތުން މައުލޫމާތު ދެއެވެ.
ބްރޮންކްސް ޒޫގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ މިނިކާވަގަކީ "ނާދިޔާ" ނަމަކަށް ކިޔާ އަންހެން މިނިކާވަގެއް ކަމަށެވެ. އެ މިނިކާވަގުގެ ދައްތަ އަޒުލް އާއި އެހެން ބައެއް މިނިކާވަގުގެ އިތުރުން، ސިންގާ ތަކެއްވެސް ވަނީ ހިކި ކެއްސުމެއް ކެއްސަން ފަށާފައި ކަމަށް ޒުލުގެ ފަރާތުން ބުނެއެވެ. އެ ހުރިހާ ޖަނަވާރަށްވެސް ގެންދަނީ ފަރުވާދެމުން ކަމަށާއި އުއްމީދު ކުރަނީ ރަނގަޅުވާނެ ކަމަށް ކަމުގައިވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ބުޅަލުގެ އާއިލާގެ މި ޖަނަވާރުތަކަށް ކޮވިޑް19 ޖެހުނީ ޒޫ ބަލަހައްޓާ މީހެއްގެ ފަރާތުން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑް19އަކީ އަލަށް ފެނިގެން އުޅޭ ބައްޔެއްކަމުން އެބައްޔާ ގުޅޭ ކަންކަން ދަސްކުރަން މިކަހަލަ މައުލޫމާތުގެ މުހިންމުކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ނާދިޔާ ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ޝައްކުވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް19 ޖެހުމުން ޖަނަވާރުންގެ ފުށުން ފެންނާނީ ކޮން ކަހަލަ ކަންތައްތަކެއް ކަމެއް ނޭނގޭ ކަމަށާއި، އެހެންކަމުން މި ޖަނަވާރުތައް ވަރަށް ކައިރިން ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ބްރޮންކްސް ޒުލުގެ ބަޔާނުގައި ވެއެވެ.
16 މާޗުން ފެށިގެން ނިއުޔޯކުގެ ހުރިހާ ސިޓީ ޒޫތަކެއް އާންމުންނަށް ބަންދުކޮށްފައިވާއިރު، މިގޮތަށް ދިމާވުމުން ޖަނަވާރުންނާއި އެ ބަލަހައްޓާ މީހުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ޒުލުގެ ފަރާތުން މައުލޫމާތުދެއެވެ.