ކޮވިޑް 19އާ ގުޅިގެން އިގްތިސާދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށްޓަކައި މިދަނޑިވަޅަކީ ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭންވީ ވަގުތު ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)ގެ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން ޓޫރިސްޓުން ރާއްޖެ އައުން ހުއްޓި ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އޭގެ އަސަރު ވިޔަފާރިތަކަށް ވެސް ދަނީ ކުރަމުންނެވެ.
އެގޮތުން ގިނަ ރިސޯޓްތަކާއި ވިޔަފާރިތައް ބަންދުކުރަން މަޖުބޫރުވެ، އެތަންތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ދަށްކުރުން ނުވަތަ މުސާރަ ނުހިނގާ ގޮތަށް ޗުއްޓީއަށް ދަނީ ފޮނުވާލަމުންނެވެ.
އެކަމާ ގުޅިގެން ސަރުކާރުން ވަނީ ވިޔަފާރިތަކަށް އެހިވުމަށް 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް ވަނީ އިއުލާންކޮށްފައެވެ. އަދި ގާނޫނާއި ހިލާފަށް މުވައްޒަފުންނާމެދު އަމަލުކުރާނަމަ، ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނިންކުރާ މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކްސް އޮޕަރޭޝަންސް އާއި ލަގްޒަރީ ކުރޫސިންގެ ހިދުމަތް ހިމެނޭ ކަމަށާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 ވަބާގެ ސަބަބުން އެހެނިހެން ވިޔަފާރި ކުންފުނިތަކަށް ދިމާވެފައިވާ ދަރިތައް ކުންފުންޏަށް ވެސް ދިމާވެފައިވާ ކަމަށެވެ.
އެހެންކަމުން މިދަނޑިވަޅަކީ އިކޮނޮމިކް މިނިސްޓްރީއާ އާއި ކަމާގުޅޭ އެހެނިހެން މުވައްސަސާތަކުން އިސްނަގައިގެން ކުދި، މެދުފަންތީގެ އަދި ބޮޑެތި ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށާއި އިގްތިސާދީ ގެއްލުން ކުޑަކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދޭންވީ ވަގުތު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"މިހާލަތުގައި ކުންފުނިތަކަށް މަސައްކަތްކުރެވޭނެ މާހައުލެއް ހޯދައިދެވިއްޖެނަމަ، މިގެއްލުންތައް ފޫބެއްދުމަށް ކަނޑައަޅާފައިވާ ސިޓިމިއުލަސް ޕެކޭޖުތަކަށް ވިޔަފާރިތަކާއި ވަކިވަކި ފަރުދުން ބަރޯސާވާ މިންވަރު ކުޑަކުރެވި މިކަމަށް އިގްތިސާދީ ހައްލެއް ލިބިގެންދާނެއެވެ،" ކުންފުނީގެ ބަޔާނުގައިވެއެވެ.
އޭޑީކޭ ޓްރޭޑިންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިދަނޑިވަޅުގައި އިގްތިސާދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސްޓޭކް ހޯލްޑަރުންނާއި ބައްދަލުކޮށް އެކަމަށް ބެނުންވާ އެކްޝަން ޕްލޭން އެކުލަވާލައި އެއަށް އަމަލު ކުރަންޖެހެއެވެ. އަދި އެފަދަ އެކްޝަން ޕްލޭނެއް ރޭވިފައި ނެތްނަމަ، ކުންފުނިތަކުން ކުރާ މަސައްކަތްތައް ހުއްޓި، މުވައްޒަފުން ރިޑަންޑަންޓް ކުރަންޖެހޭ ހާލަތަށް ގިނަ ކުންފުނިތައް ހިނގައިދާނެ ކަމަށް ބުނެފައިވެއެވެ.
"ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސް އުނިނުކޮށް މިދަނޑިވަޅުގައި ކުރިއަށް ދިއުމަށް ވިސްނާފައި ވީނަމަވެސް، މިހާރު މިވަނީ ކުންފުނިތަކުގެ މަސައްކަތްތައް ނުކުރެވޭ ހާލަތެއް މެދުވެރިވެފައެވެ،" ބަޔާނުގައިވެއެވެ.
އެކުންފުނިން ބުނީ، ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން މިހާތަނަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެއީ މިވަގުތަށް ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ފިޔަވަޅުތަކާއި އެއްވަރަށް މިކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ފެތުރޭ ބިރުވެރިކަން ނައްތާލައި އާންމު ހާލަތަށް މުޖުތަމައު އާއި ރައްޔިތުންގެ ދިރިއުޅުން އިއާދަުރުމަށް ހިތްވަރު ލިބޭފަދަ ސައްހަ މައުލޫމާތު ހިއްސާކޮށް، ހާލަތާއި އެކަށީގެންވާ ފިޔަވަޅުތައް އަޅަންވީ ވަގުތު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.