މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އަކީ ރާއްޖޭގެ އިގުތިސާދީ އިސްތިގުލާލަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އެމްއެސްއެސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގައި ޝިޕިން ލައިނެއް އަލުން ފެށިގެން ދިއުމަކީ އެތައް ދިވެހިންނަކަށް ވަޒީފާ ލިބޭނެ ކަމެއް ކަމަށެވެ. އަދި މި ޝިޕިން ލައިނުގެ ސަބަބުން ރާއްޖެއަށް ފަސޭހައިން މުދާ އެތެރެ ކުރެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ރާއްޖެއަށް މުދާ ގެނެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ކަމުގެ އުއްމީދެއް ލިބޭ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކުރިއަރައިދަނީ ރާއްޖޭގެ އިގްތިސާދުކަން އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ގައުމީ ޝިޕިން ލައިނެއް އޮތް ކަމަށާއި އޭރު ރާއްޖޭގައި އޮތް ޝިޕިން ލައިނަކީ މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރި ޝިޕިން ލައިނެއް ކަމަށެވެ. އަދި ޝިޕިންގެ "ރަން" ދުވަސްވަރެއް ރާއްޖެއަށް ފެނިފައިވާކަމް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެދުވަސްވަރު އެތައް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބި، ހުނަރުވެރި އެތައް ކައްޕިތާނުންނާއި ސީމަނުން (ފަޅުވެރިން) އުފެދިފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ޝިޕިން ލައިން އިނދަޖެހުނީ ދުނިޔޭގެ ޝިޕިންގެ ދާއިރާއަށް އައި ބޮޑެތި އިންގިލާބުތަކާއި ހަމަ ނުކޮށްލެވުމުން ކަމަށް އަމްރު ވިދާޅުވިއެވެ.
އޭރުގެ ތަޖުރިބާއިން އިބުރަތް ހާސިލުކުރުމަށް ނަސޭހަތްތެރިވަމުން އަމްރު ވިދާޅުވީ ބަދަލުވަމުން ދާ ދުނިޔެއަށް ލޯ ހުޅުވައި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް ބަލައިގަނެގެން، ކުންފުނި ކުރިއަރުވަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.